12 Feb 2012, 17:22
ދެހާސްތޭރައިގެ ކުރިން އިންތިހާބެއް ބާއްވަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ އިންތިހާބު ބޭއްވުމަށް ތައްޔާރަށް އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް ބޭފުޅުންގެ ވާހަކަފުޅުގައި އިލެކްޝަންސް ކޮމިޝަން އޮތީ ކުއްލިއަކަށް އިންތިޚާބެއް ބޭއްވޭ ފަދަ ތައްޔާރީ ހާލަތެއްގައި ނޫން ކަމަށް ވިދާޅުވާ ކަމަށާއި އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރާކަމަށެވެ. އެފަދަ ވާހަކަތައް ދެއްކުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އެ ކޮމިޝަންގެ މުސްތަގިއްލުކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.
"ބައެއް ބޭފުޅުންންގެ ވާހަކަފުޅުގައި އެބަ ވިދާޅުވޭ އިލެކްޝަންސް ކޮމިޝަން އޮތީ ކުއްލިއަކަށް އިންތިޚާބެއް ބޭއްވޭ ފަދަ ތައްޔާރީގޮތެއްގައި ނޫނޭ. ކޮމިޝަނާއި މަޝްވަރާކުރުމެއްނެތި ރާއްޖޭގެ ފަރާތަކަށް ވިޔަސް އަދި ރާއްޖެ އިން ބޭރުގެ ފަރާތަކަށް ވިޔަސް އެފަދަ ގޮތަށް ވާހަކަ ދެއްކުމަކީ ކޮމިޝަނުން ކަންބޮޑުވާ ކަމެއް،"
މިހާތަނަށް ވެސް ބާއްވާފައިވާ ބައި އިލެކްޝަންތައް ގާނޫނުގައި ބުނެފައިވާ މުއްދަތަށް ބޭއްވިފައިވާ ކަމަށާއި މިހާރު ވެސް ބައި އިލެކްޝަނެއް ބޭއްވުމަށް ކޮމިޝަނުން ތައްޔާރުވަމުން އަންނަ އައުމަކީ އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ ކޮމިޝަނުން ފަސް ނުޖެހޭނެ ކަމުގެ ހެއްކެއް ކަމަށް ވެސް ކޮމިޝަނުގެ ބާޔާނުގައިވެ އެވެ.
މީގެއިތުން އެ ކޮމިޝަނުން ނެރުނު އިތުރު ބަޔާނެއްގައި ވަނީ އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މައްސަލަ އެ ކޮމިޝަނަށް ޝަކުވާއެއްގެ ގޮތުގައި ހުށަހެޅިފައިވާ ކަމަށާއި އެކަމަކީ އެކޮމިޝަނުން ކުށްވެރިކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި ހަރުގެއަށް ގެއްލުންދިން މައްސަލަ ތަހުގީގުކޮށް އެކަންކޮށްފައިވާ ފަރާތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ ގޮވައިލައްވާފަ އެވެ.
"ފްބަރުއަރީ 7، 2011 ވީ އަންގާރަ ދުވަހު ސިޔާސީ ޕާޓީއަކުން މިނިވަންކަމާއި އެކު އެއްވުންތައް ބާއްވާ ޚިޔާލު ފާޅުކުރުމަށް ގާއިމްކޮށްފައިވާ ތަނަކަށް ބަޔަކު ގެއްލުންދީފައިވާކަމަށް މި ކޮމިޝަނަށް ޝަކުވާ ލިބިފައިވާތީ އެކަން މިކޮމިޝަނުގެ ފަރާތުން ކުށްވެރިކޮށް އެކަން ހިންގާފައިވާ ފަރާތްތަކާއި މެދު ތަހުގީގު ހިންގާ ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.