21 May 2021, 18:49
ފަތުރުވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތް ކޮށްފައިވާ ނުވަތަ މަސައްކަތްކުރި މަދު ބަޔެއްގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން ދާއިރާގެ ހުރިހާ މަސައްކަތްތެރިންނަށް އަމާޒުކޮށް ބަދުބަސް ބުނުން ބަލައި ނުގަނެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތި ވެފައި ވަނިކޮށް، އީސަ އަށް އަމާޒުކޮށް މީހަކު ކުރި ޓްވީޓަކާ ގުޅިގެންނެވެ.
އެގޮތުން އީސަ އަކީ ކުރިން ރޫމް ބޯއީ އެއް ކަމަށްބުނެ، ރޫމް ބޯއީންނަކީ "ތަންދޮރު އޮޅުން ނުފިލާ ބަޔެއް" ކަމަށް ސިފަވާ ގޮތަށް މީހަކު ވަނީ ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓު ކުރުމާއެކު މީހުންްގެ ފާޑުކިޔުން އަމާޒުވުމުން މިހާރު ޓްވީޓު ވަނީ ޑިލީޓު ކޮށްފަ އެވެ.
މިނިސްޓަރު މައުސޫމު ވިދާޅުވީ ފަތުރުވެރިކަމުގެ މުވައްޒަފުންނަކީ އިގްތިސޯދުގެ ބަތޮލުން ކަމަށެވެ.
"ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރި، މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނި އަމަލާއި ލާޖައްސާ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބުނުމަކީ ވަރަށް ދެރަވަރުކަމެއް. އެކަން ބަލައެއްނުގަނެވޭ. ފަތުރުމުވައްޒަފުުންނަކީ ރާއްޖޭގެ އިގުތިސޯދުގެ ފަހުރުވެރި ދިފާއީ ބަތޮލުން." މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވި އެވެ.
މިނިސްޓަރު މައުސޫމް އަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.