އިސްރާއިލާއެކު ހުރިކަމަށް ބުނި ހަނިމާދޫ ސްކޫލުގެ ޓީޗަރު އަނބުރާ ގައުމަށް އިސްރާއިލާއެކު ހުރި ކަމަށް ބުނި އިންޑިއާގެ ޓީޗަރަކު އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފި އެވެ.

ހަނިމާދޫ ސްކޫލުގެ ލީޑިން ޓީޗަރެެއްގެ ގޮތުގައި މަސައްކަތް ކުރި އިންޑިއާ ޓީޗަރަކު ވަނީ، އޭނާގެ ފޭސްބުކްގައި، އިސްރާއިލާއެކު ހުރި ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ.

އެއާއެކު ހަނިމާދޫ ސްކޫލުން ވަނީ ޓީޗަރާމެދު ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އެ ސްކޫލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސްކޫލުގެ ސެޝަން އިންޗާޖު އަދި އެސްއެމްޓީ މެންބަރެއްގެ ގޮތުގައި ހުރި އިންޑިއާގެ ރައްޔިތެއްކަމަށްވާ އެބެނެޒާ ސުކްމަރަންގެ ފަރާތުން ޓީޗަރެއްގެކިބައިން ފެނިގެން ނުވާނެ ދަށު ދަރަޖައިގެ އަމަލެއް ސޯޝަލް މީޑިއާގައި ފެނިފައިވާ ކަމަށެވެ.

އޭނާގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ސްކޫލުން ބުނީ، އެ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބަތުގައި ސްކޫލުގެ ސްޓޭންޑު ހާމަކޮށް ހަރަކާތްތައް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް، ސްކޫލުގެ ސްޓޭންޑާއި މުޅި ދިވެހި ދައުލަތް އަދި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާ ވެސް ހިލާފަށް ޓީޗަރު ހިންގި އަމަލު ބަލައި ނުގަނެވޭ ކަމަށެވެ.

ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުހުސިން އަބްދުއްލަތީފް "ސަން" އަށް ވިދާޅުވީ ސްކޫލު މެނޭޖުމެންޓުން އިންޑިއާގެ ޓީޗަރާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެގޮތުން ޓީޗަރުގެ އަތުން ސްކޫލުގެ ސްޓާފް ރޫމްގެ ތަޅުދަނޑި އަތުލައި ސްކޫލުގެ އެއްވެސް ތަނަކަށް އެކްސެސް ނުވެވޭ ގޮތަށް ހަދައި އެކަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ޓީޗަރު އަނބުރާ ގައުމަށް ފޮނުވާލުމަށް އެޑިއުކޭޝަނާ އެކު މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މުހުސިން ވިދާޅުވިއެވެ.

"މިރޭ ނޫނީ މާދަމާ އޭނާ މާލެ ފޮނުވާލެވޭނެ. މާލެ ގޮސް ޕޭޕާވޯކްސް ނިމުމާއެކު ގައުމަށް ފޮނުވާލެވޭނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ޓީޗަރާ ހަވާލާދީ ޕްރިންސިޕަލް ވިދާޅުވީ އެފަދަ ޕޯސްޓެއް ސޯޝަލް މީޑިއާގައި އޭނާ ޖެހީ "އެއީ މާ ބޮޑު ކަމަކަށް ވެދާނެ ކަމަށް ހީކޮށްގެން ނޫން" ކަމަށެވެ. ސްކޫލުން އެޅި ފިޔަވަޅުތަކާއެކު އެނބުރި ގައުމަށްދާން ޓީޗަރުވެސް އެއްބަސްވެ އެކަމަށް ތައްޔާރުވެފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ކުށްވެރިކުރައްވައިފައެވެ. އަދި ރާއްޖޭން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.