ފަލަސްތީނުގެ މައްސަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށާއި އެއީ ހަމައެކަނު އަރަބިންގެ މައްސަލައެއް ނުވަތަ ދާޚިލީ މައްސަލައެއްވެސް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ފަލަސްތީނުގެ ހާލަތަށް އަލިއަލުވާލާ މިއަދުގެ ހުކުރު ޚުުތުބާގައި ބުނީ މުސްލިމުންގެ ބިމަކަށް ކާފަރުން އަރައި، އެ ބިން ފޭރިގަނެފިނަމަ އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކަށް އިޖާބަދީ، އެ ބުން މިނިވަން ކުރުމަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ފަލަސްތީނާއި ގުދުސްގެ ތާރީޚަށް އަލިއަޅުވާލާ ޚުތުބާގައި ބުނީ ގުދުސްގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަރަބިކަރައިގެ ކަންޢާނީ ގަބީލާގެ ޔަބޫސީން ކަމަށެވެ. އެއީ އީސާގެ ފާނު ދުނިޔެ އަށް ވަޑައިގަތުމުގެ 3،500 އަހަރު ކުރިން ކަމަށާއި އަރަބިން އެ ބިމުގައި އުޅެމުން ދަނިކޮށް، ބަނީ އިސްރައިލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޒާ ދަރިކޮޅުގެ މީހުން އެ ބިމަށް ގޮސް ބަނޑަހަޖެހި ކަމަށެވެ.

ފުރަތަމަ ބޮޑުހަނގުރާމައަށްފަހު، ފަލަސްތީނު އިނގިރޭސިންގެ ދަށަށް ދިޔައީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނެތުމުން ކަމަށް ޚުުުތުބާގައި ބުންޏެވެ. އަދި ޔަހޫދީންެގެ ހީލަތްތެރިކަމުން، ފަލަސްތީނުގައި އެމީހުންގެ ވަތަނެއް އުފެއްދުމަށް އެހީވުމުގެެ ވައުދެއް އިނގިރޭސިން އަތުން ހޯދި ކަމަށާއި، އެ ވައުދާ ގުޅިގެން ދުނިޔޭގެ އެތަން މިތަނުގައި އުޅުނު ޔަހޫދީން، ފަލަސްތީނުގެ ބިމަށް ގެންގޮސް ވަޒަން ކުރުވި ކަމަށް ޚުތުބާގައި ފާހަގަ ކުރި އެވެ.

ދެން އިނގިރޭސިންނާއި ހުޅަނގުގެ ގައުމުތަކުގެ އެހީގައި ހަތިޔާރާއި ތަމްރީނު ހޯދައި، ޔަހޫދީން ފަލަސްތީނުގެ ބިމަށް ގަދަވެގަތްކަންވެސް ޚުތުބާގައި ފާހަގަ ކުުރި އެވެ.

ޔަހޫދީން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރު އަރަބިންނާއި އިސްރާއިލާ ދެމެދު ކުރި ހަނގުރާމާގައި ކަމަށާއ ހަ ދުވަހުގެ އެ ހަނގުރަމާގައި ހިފި އެ ބިން އިސްރާއިލުން ހިފާފައި އޮންނަ އޮތުމާ ބައިނަލްއަގުވާމީ މުޖުތަމައުވެސް ދެކޮޅުހަދަމުންދާއިރު އިސްރާއިލުން ބުނަމުން ދަނީ އެއީ ހިފާފައިވާ ބިމެއް ނޫން ކަމަށެވެ. އަދި އެއީ އިސްރާއިލާ ވަކިކުރެވޭނެ ބިމެއް ނޫންކަމަށް އެމީހުން ބުނަމުންދާ ކަމަށް ޚުތުބާގައި ފާހަގަ ކުރިއެވެ.

އިސްރާއިލުން ކަންތައް ކުރަމުންދާ ގޮތުގެ ތާރީޚަށް އަލިއަޅުވާލާ، ޚުތުބަގައި ބުނީ އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް 1980 ގައި އެމީހުން ކަނޑައެޅި ކަމަށެވެ. އދ. ގެ އާންމު މަޖިލީހުން އެތައް ފަހަރަކު އެކަން ކުށްވެރި ކުރި ނަމަވެސް އެމެރިކާގެ ނުފޫޒުގެ ސަަބަބުން އިސްރާއިލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދުނިޔެ ނުކުޅެދިފައިވާކަން ވެސް ޚުތުބާގައި ފާހަގަ ކުރި އެވެ.

ޚުތުބާގައި ބުނީ ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިސްރާއިލުން ހިންގާ އަމަލަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް ކަމަށެވެ. އެއީ އިސްލާމްދީނާ ވަކި ނުކުރެވޭނެ މައްސަލަ އެއް ކަމަށާއި، ގުދުސް އަކީ މުސްލިމުންގެ ބިމެއް ކަމަށްވެސް ޚުތުބާ ގައި ބުންޏެވެ.

"އިސްރާއިލާއި ސިހްޔޫނީ މީޑިއާގެ ސަބަބުން އެއީ ޔަހޫދިންގެ ބިމެއްކަމުގައި ސާބިތުކޮށްދޭން މަސައްކަތް ކުރިޔަސް އެއީ ހަމަ ފަލަސްތީނުގެ ބިމެކެވެ،" ޚުތުބާގައި ބުންޏެވެ.

ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ތާރީޚާއި އިސްލާމް ދީނާ ކިހާ ބޮޑު ގުޅުމެއް އޮތް ތަނެއްކަންވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

އިބްރާހިމްގެފާނުގެ ދެ ދަރިކަލުން އިސްމާއިލުގެ ފާނާއި އިސްހާގުގެފާނު އުފަންވެވަޑައިގަތީ ފަލަސްތީނުގައި ކަމަށާއި ޔައުގޫބުގެފާނާއި ޔޫސުފްގެފާނުވެސް އުފަންވެ ވަޑައިގަތީ ފަލަސްތީނުގައި ކަން ޚުތުބާގައި ފާގަގަކުރިއެވެ.

"އަދި ދާއޫދުގެ ފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު އިލާހީ މަންހަޖުގެ މަތީގައި މި ބިމުގައި، ތައުހީދުގެ ރަސްކަމެއް ގާއިމު ކުރެއްވި އެވެ. މާތްﷲ ޒަކަރިއްޔާގެފާނުގެ ދުއާފުޅު އިޖާބަކުރައްވާ ޔަހުޔާގެފާނު ދެއްވީ މި ބިމުގަ އެވެ. އީސާގެފާނު ރައްކާވެ، ޅަފަތުގައި މީހުންނާ ވާހަކަފުޅު ދެއްކެވީ މިބިމުގަ އެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ މުހައްމަދު صلى الله عليه وسلم އަލް މަސްޖިދުލް ހަރާމުން، އިސްރާގެ ދަތުރުފުޅު ކުރެއްވީ މި ބިމަށެވެ. އެކަލޭގެފާނު ނަބީ ބޭކަލުންނާއެކު އިމާމުވެ ވަޑައިގެން ނަމާދު ކުރެއްވީ މި ހަރަމްފުޅުގަ އެވެ. އެއަށްފަހު މިއުރާޖު ދަތުރުފުޅު ފެއްޓެވީ މި މާތް ހަރަމްފުޅުންނެވެ،" ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

ފަލަސްތީނުގެ ތާރީޚާއި އެ ބިމާ މުސްލިމުންނާ އޮތް ގުޅުމަށް ޚުތުބާގައި އަލިއަޅުވާލާފައި ވަނީ ފަލަސްތީނަށް އަމާޒުކޮށް އިސްރާއިލުން ނުރައްކާތެރި ހަމަލާތަކެއް ދެމުންދަނިކޮށެވެ. 11 ދުވަސްވަންދެން ދިން އެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، އެތައް ހާސް ބަޔަކު ޒަކަމްވެ ގެދޮރު ގެއްލިފައި ވެއެވެ.