އިންޑިއާގެ ސްޓޭޓުތަކުގައި "ބްލެކް ފަންގަސް" ނުވަތަ މިއުކޯމައިކޯސިސް އަކީ އާންމު ރޯގާ އެއް (އެޕެޑެމިކް) ކަމަށް ކަނޑައެޅުމަށް އެ ގައުމުގެ ސިއްހަތާ ބެހޭވުޒާރާ އިން އަންގައިފި އެވެ.

ބްލެކްފަންގަސް އަކީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ބަލި ޖެހޭޭ މީހުންގެ 50 ޕަސެންޓު މީހުންގެ ފުރާނައަށް ނުރައްކާވާއިރު ބަލި ޖެހޭ މީހުންގެ ތެރެއިން ސަލާމަތްވާ މީހުންގެ ލޯ ނަގަން ޖެހުމާއި ދަތްދޮޅި ނަގަން ޖެހުން ފަދަ ކަންތައް ކުރަން ޖެހެ އެވެ.

މިއީ މީގެ ކުރިން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އިންޑިއާގައި އާންމު ރޯގާއެއް ހެން މި ބަލި ދަނީ ފެތުރެމުންނެވެ. ހާއްސަކޮށް ކޮވިޑު ބަލިން ރަނގަޅުވާ މީހުންނާއި ބަލިން ރަނގަޅުވަމުން އަންނަ މީހުގެ ފަރާތުން މި ބަލި ފެންނަ ކަމަށް ވެއެވެ.

ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި ކޮވިޑަށް ފަރުވާދޭން ބޭނުން ކުރާ ސްޓެރޮއިޑްސް އާއި ބްލެކް ފަންގަސް ބައްޔާ ގުޅުމެއް އޮވެދާނެ އެވެ. ހާއްސަކޮށް ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާދޭން ބޭނުންކުރާ ބޭހުގެ ސަބަބުން އަންނަ ހޯމޯނަލް ބަދަލުތަކާ މި ބައްޔާ ގުޅުމެއް އޮވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިންޑިއާގެ ޑޮކްޓަރުންނާ ހަވާލާދީ ބީބީސީ އިން ރިޕޯޓުކޮށްފައިވާގޮތުން ބްލެކްފަންގަސްގެ ބިރު އެންމެ ބޮޑީ ޑައިބެޓިކް ޕޭޝަންޓުންނަށެވެ. އަދި ކޮވިޑުން ރަނގަލުވާތާ 15 ނޫނީ 12 ދުވަސް ތެރޭ މީހުންގެ ހަށިގަނޑުން އެ ބަލި ފެންނަން ފަށައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ލާލް އަގަރްވާލް ވިދާޅުވީ މިހާތަނަށް އެ ގައުމުގެ 29 ސްޓޭޓާކުން ބަލި ފެންނަމުންދާ މިންވަރު އާންމުވެފައިވާ ކަމަށާއި އެ ސްޓޭޓު ތަކުގައި ބްލެކް ފަންގަސް އަކީ އެޕެޑެމިކް އެއްގެ ގޮތުގައި އިއުލާނު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ސްޓޭޓެއްގައި ވެސް ބަލީގެ ހާލަތު ގާތުން މޮނީޓާކުރަމުންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކޮވިޑު 19ގެ ބިރުވެރި ދެވަނަ ރާޅެއްގެ ތެރޭގައި އޮތް އިންޑިއާ އިން ބްލެކް ފަންގަސްގެ ކިތައް ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވާކަމެއް ސާފެއް ނުވެއެވެ.

މިދިޔަ ހަފްތާ މަހަރަސްޓްރާ ސްޓޭޓުގެ ޗީފް މިނިސްޓަރު ވިދާޅުވީ، އެ ސްޓޭޓުން އެހާތަނަށް 1،500 އަށް ވުރެ ގިނަ މީހުންނަށް ބްލެކް ފަންގަސް ޖެހިފައިވާ ކަމަށެވެ. މިދިޔަ މަހު މުމްބާއީގެ ހޮސްޕިޓަލަކުން އެ ބަލީގެ 24 ކޭސް ފެނިފައިވާކަމަށާއި މިދިޔަ އަހަރު އެ ބަލީގެ ހަ ކޭސް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މިއުކޯމައިކޯސިސް އަކީ ވެއްޔާއި ހަލާކުވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގައި ޖަހާ ފަަންގަސް އެއްގެ ޒަރިއްޔާ އިން ފެތުރޭ ބައްޔެކެވެ.

ބްލެކް ފަންގަސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ޖެހި ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެ އެވެ.

މި ބައްޔަށް ފަރުވާ ކުރުމަށް ހުންނަ ބޭހަކީ އިންޑިއާގައި ވަރަށް މަދުން އުފައްދާ ބޭހަކަށް ވާއިރު، އެ ބޭސް ހޯދުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. އަދި ބަލި ޖެހިފައި ތިބި މީހުންގެ އާއިލާތަކުން ބްލެކް މާކެޓުން ބޭސް ގަންނަ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް ވެއެވެ.

ރާއްޖޭގައިވެސް ކޮވިޑު ޖެހި ރަގަޅުވި މީހެއްގެ ފަރާތުން މި ބަލީގެ އަލާމާތްތައް ފެނި ޝައްކު ކުރެވިގެން އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ވަނީ ފޮނުވައިފަ އެވެ.