ބަޖެޓްގެ ދަތިކަމާއި ސިޔާސީ އެހެން ސަބަބުތަކާ ގުޅިގެން ޖަޕާނާއި ގުއާމްގައިވާ އެމެރިކާގެ އަސްކަރީ ވުޖޫދު ކުޑަކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ އަސްކަރީ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް އިން ބުނެފި އެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި ޖަޕާނާއި ގުއާމްގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ހަނިކޮށް ފިލިޕީންސާއި އޮސްޓްރޭލިޔާގައި އެމެރިކާގެ އަސްކަރީ ވުޖޫދު އިތުރުކުރަން އެމެރިކާ މިހާރު ބޭނުންވެ އެވެ. ޖަޕާނާއި ގުއާމްގައިވާ އެމެރިކާގެ މަރުކަޒީ އަސްކަރީ ބޭސްތަކުގެ ސައިޒް ކުޑަކޮށް ސިފައިން މަދުކޮށް އޭގެ ބަދަލުގައި ދެކުނު އިރުމަތީ އޭޝިޔާގައި އެމެރިކާގެ އަސްކަރީ ވުޖޫދު އިތުރުކުރުން ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން އެމެރިކާއަށް މިހާރު މާމުހިއްމެވެ.

ދެކުނު އިރުމަތީ އޭޝިޔާގައި ޗައިނާގެ އަސްކަރީ ބާރު ގަދަވަމުން ދިޔުމާއެކު އެމެރިކާގެ އަސްކަރީ ފޯކަސް މިހާރު ވަނީ އެސަރަހައްދަށް އަމާޒުވެފަ އެވެ. ޖަޕާނާއި ގުއާމްގައިވާ އެމެރިކާގެ ބޭސްތައް އިތުރަށް ވަރުގަދަ ކުރުމަށް އެމެރިކާ ކުރިން ޕްލޭންކުރި ނަމަވެސް އެމެރިކާގެ ދިފާއީ ބަޖެޓް މިހާރު ކުޑަކޮށްފައިވާތީ އާއި ޗައިނާގެ އަސްކަރީ އަމާޒުތައް ހުރިގޮތުން މިޕްލޭނާ އެއްގޮތަށް އަމަލު ކުރަން އެމެރިކާ މިހާރު ބޭނުމެއް ނުވެ އެވެ.

އެމެރިކާގެ މިހާރުގެ އަމާޒަކީ ފިލިޕީންސާއި އޮސްޓްރޭލިޔާގެ ޑާވިންގައި އަސްކަރީ ވުޖޫދު ވަރުގަދަކުރުމެވެ. މިދެ ސަރަހައްދުގައި ބާރުގަދަކޮށްފިނަމަ ޗައިނާއަށް މާބޮޑަށް ފާރަލެވޭނެ ކަމަށް އެމެރިކާ ދެކެ އެވެ. މިދެސަރަހައްދުގައި އެމެރިކާގެ އަސްކަރީ ވުޖޫދު ވަރުގަދަކުރެވުމުން ޖަޕާނުގެ އޮކިނޯވާއިން އެމެރިކާގެ 8 ހާސް ސިފައިން މަދުކޮށް ދެކުނު ކޮރެޔާގައިވާ އެމެރިކާގެ ސިފައިންނާއި ހަތިޔާރުގެ އަދަދު މަދުކުރެވިދާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވަ އެވެ.

ޖަޕާނުގައި އެމެރިކާ އަސްކަރީ ވުޖޫދު ވަރުގަދަކޮށްފައި ވަނީ ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާން ބަލިކުރުމަށްފަހުގަ އެވެ. (ވޮޝިންޓަން ޕޯސްޓް)