21 May 2021, 10:46
ގ. ބިއްލޫރިޖެހި ގޭގައި މާލޭ ސިޓީ ކައުންސިލުން ހެދި ޕާކިން ޒޯން އާންމުންނަށް ހުޅުވާލައިފި އެވެ. އެ ޕާކިން ޒޯނުގެ މަސައްކަތް ނިންމާލީ ރޭގަ އެވެ.
އެތަނުގައި ޕާކިން ޒޯނެއް ހަދާފައި މިވަނީ، ސަލާމަތީ ސަބަބުތަކަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމަކީ އުޅަނދު ދުއްވުން މަނާ މަގެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި ވަނިކޮށެވެ.
މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ވަދާއީ ބަޔާނުގައި ވިދާޅުވެފައި ވަނީ، ނީލޯފަރު ހިނގުމުގައި ޕާކު ކުރުމުގެ ބަދަލުގައި، އެހެން ޕާކިން ޒޯނު ހަމަޖެއްސުމަށްފަހު އެ މަގަކީ ދުއްވާއެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ މަގެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.
އެ މަގަކީ ހަނިގޯޅިއަކަށް ވެފައި އެ މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫ ކަމަށް ޑިފެންސް މިނިސްޓްރީން ވެސް އޮތީ ކައުންސިލަށް އަންގައިފަ އެވެ.
ޑިފެންސްގެ އެދުމާ އެގޮތަށް ނީލޯފަރު ހިނގުމުގެ ޕާކިމން ޒޯނު ނެގުމުގެ މަސައްކަތް ފަށައި އެ ސަރަހައްދުން ޕާކިން ޒޯނު ހެދުމަށް އެންމެ އެކަށީގެންވަނީ ބިއްލޫރިޖެހިގެ ކަމަށް ފެނި، އެ އިމާރާތުގައި ޕާކިން ޒޯނު ހެދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް 23 މާޗު 2021 ގައި ސިޓީ އަކުން ޕްލޭނިން މިނިސްޓްރީގައި އެދުނު ކަމަށް ޝިފާ ވިދާޅުވި އެވެ.
މޭޔަރު ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ހަފްތާއެއްގެ ތެރޭގައި ޑރ. މުހައްމަދު މުއިއްޒު ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހަދައި އެތަން ބޭނުންކުރަން ހުޅުވާލި އިރު، ޕްލޭނިން އިން އެކަމުގެ ހުއްދަ ދީފައިވާކަމެއް ޔަގީނެއް ނޫނެވެ.
ނިލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ، ޕާކިން ޖާގަ ހެދުމަށް ބިއްލޫރިޖެހިގެ ނުވަތަ އެ ސަރަހައްދުން ވެށި ފަހި މާލެ ޕްރޮގްރާމުގެ ދަށުން ސަރުކާރަށް ލިބުނު ބްލޮކް 139 ޕްލޭނިން، މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީ އިން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި މި މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާއެއްގައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފަ އެވެ. އެ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ހުންނެވީ މިހާރު ޖަރުމަނުގަ އެވެ.