މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ އަދި ކޮވިޑް19 ހަލުވިކަމާ އެކު ފެތުރެމުންދާތީ، އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކުންނާއި ޕްރައިވެޓް ކްލިނިކްތަކުން ފްލޫ ކްލިނިކް ހިންގުމަށް ހުޅުވާލުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބުނީ ފްލޫ ކްލިނިކްތައް ހިންގަންވާނީ ފްލޫ ކްލިނިކްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ފްލޫ ކްލިނިކް ހިންގުމަށް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ ގައިޑްލައިންނާ އެއްގޮތްވާ ގޮތުގެ މަތިން މިކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން މި މަހުގެ 25 ވާ އަންގާރަ ދުވަރުގެ ކުރިން މިނިސްޓްރީގެ[email protected]އީމެއިލަށް އީމެއިލްކުރުމަށް ވަނީ އަންގައިފަ އެވެ.

ހަމައެއާ އެކު ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވަމުން އަންނާތީ، އެ ފަރާތްތަކަށް ބޭނުންވާ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މެދުވެރިކޮށް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޑޮކްޓަރުންނަށް ދެއްކުމަށް ހަމަޖެހިފައި ވަނީ އާސަންދައިން ކަނޑައަޅާ އަގެއްގައި އެޗްޕީއޭ އިން ކަނޑައަޅާ ބަލި މީހުންނަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ވެސް މި މަހުގެ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން[email protected]އަށް އީމެއިލް ކުރަން ވަނީ އެދިފަ އެވެ.

އިއްޔެ ޕޮޒިޓިވްވި 2000 އަށް ވުރެ ގިނަ މީހުންނާ އެކު، މިވަގުތު ކޮވިޑް ޖެހިފައި ތިބި 20،276 މީހުން ރާއްޖޭގައި އެބަ ތިއްބެވެ. އޭގެ ތެރެއިން 280 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، ބަލީގައި 115 މީހަކު ވަނީ މަރުވެފަ އެވެ.