ސަލާމަތީ ބާރުތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސް އޮފީހުގެ ބެލުމުގެ ދަށުން އިންޓެލިޖެންސް އިދާރާއެއް ހިންގަން ނޫޅޭކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިހެން ބުނެފައި ވަނީ، "ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވާ ވާހަކަތައް ދޮގުކޮށް އެ އޮފީހުން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަގްސަދެއްގައި ކަމަށެވެ.

އެ މަސައްކަތް ކުރަމުން ގެންދާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދިޔަރެސް ނޫހުން ދޮގު މައުލޫމާތާއި ހަބަރު ފަތުރާފައިވާ ކަމަށާއި އެއީ ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުންކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުން ކަމަށެވެ.

"އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ."

ރައީސް އޮފީހުން ބުނީ ދިޔަރެސް ނޫހުގެ ރިޕޯޓުގައި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝީން ވަހީދާ ގުޅޭ ގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށާއި އަދި ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ހަބަރާއި މައުލޫމާތު ފެތުރުމަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ރައީސް އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުސޫލުން ބަލައި، ސާފުކުާ ކަމަށާއި ޞަބްރާ އާއި ނޫޝީން، ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަނުކޮށްފައިވަނީ ގަވާއިދުން ބަލަންޖެހޭ އެންމެހާ ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހު ކަމަށެވެ.

"ދިވެހި ސަރުކާރުން ގަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށެވެ. ނޫސްވެރިންނަކީ ވަކި އަހްލާގީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތް ތާނގައިވެސް މި ހަމަތަކާއި އުސޫލުތަށް ހިފެހެއްޓުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސަށް ނުލިބުނީ ކީއްވެގެންތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސް ވަނީ ހަތަރު މެންބަރުންގެ ކޮމިޓީއެއް މިދިޔަ އަންގާރަ ދުވަހު އެކުލަވާލާފަ އެވެ.

ރައީސް އޮފީހުން ބުނީ، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

އޭގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމިޓީގެ މަސައްކަތްތައް ނިމުމުން ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސްއަށް ފޮނުވުމަށްވަނީ ހަމަޖެހިފަ އެވެ.