ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އަކީ ހަމައެކަނި ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހެއް ނޫން ކަމަށާއި، އޭނާއަކީ ތުއްތު ދަރިފުޅު ގޮވައިގެން އިމާރާތަކުން ފުންމާލަން މަސައްކަތްކޮށް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހެއް ކަމަށް، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

އީސަގެ ފަރާތުން އަނިޔާލިބިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ އައިޖީއެމްއެޗް އިން ފަރުވާ ވެސް ހޯއްދަވައިފަ އެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަަލް ނަސީމްގެ ކޮއްކޯފުޅެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވާއިރު، އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އީސައަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތާ ގުޅިގެން މިއަދު ފޭސްބުކު ލައިވްއެއްގައި ވާހަކަ ދައްކަވަމުން ރަފިއްޔާ ވިދާޅުވީ އީސާ އޭނާގެ ދަރިފުޅު ގޮވައިގެން ދަރިފުޅުވެސް މަރާލާނީއޭ ކިޔައި، ގޭގެ ނުވަ ވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ގޮނޑިއަކަށް އަރައި، ދަރިފުޅާއެއްކޮށް ފުންމާލަން މަސައްކަތްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މީހަކު މަރާލުމަށްޓަކައި ޖާނުން ފިދާވުމަށް މަސައްކަތް ކުރުމަކީ ސީދާ ޓެރަރިޒަމްގެ އަމަލެއް. ކީކޭތޯ ތިބޭފުޅުން ކިޔާނީ. މިއަށް ނުކިޔާނެ އެހެން ވާހަކައެއް. މިއަށް ކިޔާނީ ޓެރަރިޒަމްގެ އަމަލެއް،" ރަފިއްޔާ ވިދާޅުވި އެވެ.

ހާއްސަކޮށް، ދެ އަހަރު ނުވާ ދަރިފުޅަށް ގެއްލުންވާ ގޮތަށް އެފަދަ އަމަލެއް ކުރަން އުޅުނު އިރު އީސަ ހުންނެވީ ހަމަ ބުއްދީގައިތޯ ވެސް ރަފިއްޔާ ސުވަލު އުފެއްދެވި އެވެ.

"މިކަންތައް ހަމައެކަނި މިވަނީ ޑޮމެސްޓިކް ވަޔަލެންސަކަށް ނޫން. އަދި ސުއިސައިޑަލް އެޓެމްޓް އަދި ޓެރަރިސްޓް އެޓެމްޓް،" ރަފިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކަމެެއް ކުރާމީހަކީ މުޖުތަމައުގެ ތެރޭގައި ބަހައްޓަން ހެޔޮވާވަރުގެ މީހެއް ނޫން ކަމަށާއި އީސަ އަށް ވަގުތުން ވަގުތަށް ފިޔަަވަޅު އަޅާއި ނިޒާމުން އެކަހެރި ކުރަން ޖެހޭނެ ކަމަށެވެ. މަޖިލިސް މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ އަތުން މަހަކު 65،000 ރުފިޔާ ނަގައިގެން ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ 19 ތަންފީޒުކޮށް، ހެޔޮވެރިކަމެއް ކުރުމަށް ދިޔަ ބައެއްގެ ތެރެއިން މެމްބަރަކު މިފަދަ ކަމެއް ކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިފަދަ ކަމެއް ކުރާއިރު، އެޖެންޑާ19 ގެ ދިފާއުގައި ވާހަކަ ދައްކަނީ ހަމައެކަނި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކަމަށާއި، އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު ހައިތަމް އަށް ސެލިއުޓް ކުރަން ތިފަދަ ސްޓޭންޑެއް ނަގައިގެން ނުކުންނަން ކެރުނީތީ،" ރަފިއްޔާ ވިދާޅުވި އެވެ.

ރަފިއްޔާ ވަނީ މަޖިލީހުގެ މެމްބަރު ކަމުން އީސަ ވަކިވާން ޖެެހޭ ކަމަށާއި، އަމިއްލައަށް މަރުވާން އުޅުމުން އީސަ ހައްޔަރުވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މިކަހަލަ ކަމެއް ކުރަން އޭނަ އެޓެމްޓް ކުރި ހިސާބުން އޭނާގެ ކްރިމިނޮލޮޖީ ނުވަތަ އޭނާގެ މައިންޑް ސެޓް އެބަޖެހޭ ބަލަން. ކޮންކަހަލަ މީހެއްކަން. މިވަރުގެ މީހަކު ކޮށްފަ ނުކުރާނެ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ އިނގޭތޯ. މިހާރު މިތިބީ އެވިޑެންސް އިނގޭތޯ. މިއަކަށް ނެތް ބުނާނެ އިތުރުއެއްޗެއް. މިއަކަށް ތުހުމަތު ކިޔޭކަށް ވެސް ނެތް. ވަގުތުން ވަގުތަށް އޭނާ އަމިއްލަ އަށް ވެސް އިސްތިއުފާ ދޭންޖެހޭނެ،"

ރަފިއްޔާ ވިދާޅުވީ ހެދިފަހުރި އުސޫލުގެ ތެރެއިން އީސަ ރީހެބިލިޓޭޓް ކުރަންޖެހޭ ކަމަށެވެ.

"ހުރިހާ ގޮތަކުން ވެސް. އެއީ އޭނަ އަކީ މެންޓަލީ އޭނާގެ ޑިޕްރެޝަން ގޯތްރޫ ކުރަންވެއްޖެއްޔާ ސައިކޭޓިސްޓަކަށް ދައްކައިގެން އޭނާ އެބަޖެހޭ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން. ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން އެބަޖެހޭ. އެއީ ސުއިސައިޑަލް އެޓެމްޓެއް ކޮށްފާނެތީ،"

ރާފިޔާ ވަނީ އީސަގެ އިސްތިއުފާއަށް ގޮވާލުމަށް ކެނދިކުޅުދޫ ދާއިރާގެ ހުރިހާ ރައްޔިތުންނަށް ގޮވާލައިފަ އެވެ.

ރަފިއްޔާ ވިދާޅުވީ މިއީ ހަމައެކަނި އަންހެނަކަށް ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ދިނުން ނޫން ކަމަށާއި، މިއީ ކުޑަކުއްޖަކަށް ވެސް ނަފްސާނީ އަނިޔާ ދިނުން ކަމަށެވެ.

"ހަގީގަތުގައި އެ ކުއްޖާ އަދިވެސް ހުރީ ޝޮކެއްގައި. ކޮންމެ ބައެއް ވެސް ބުނަނީ ތުހުމަތު ކުރެވެނީއޭ. އަޅުގަނޑެއް ނުދަންނަވަން ތުހުމަތެއް ނޫނެކޭ. ހާއްސަކޮށް އަސޫ ނަސީމްގެ އަތުގަ އާއި ތަންތަނުގައި އެބަހުރި އޭނައަށް ކޮށްފަ ހުރި އަނިޔާތައް ފެންނަން. މިއީ ފެންނަން ހުރި ކަމެއް. އަދި އެ ގޭގެ ލޭންޑް ލޯޑް، އެ އަންހެން މީހާ އަކީ ވެސް ވިޓްނަސް އިނގޭތޯ،" ރަފިއްޔާ ވިދާޅުވި އެވެ