ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް އެ ހޮސްޕިޓަލުގެ ފާހާނާ އެއްގެ ތެރެއިން ފެނުނު ފިސްތޯލަ އެތަނުގައި ބޭއްވި ސިފައިންގެ މީހާ ޑިއުޓީތަކުން އެއްފަރާތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދުގެ ގެކޮޅު ކެނެރީގެއިން ނިކުމެ ކާރުކޮޅަށް އަރުއްވަނިކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އެ ހޮސްޕިޓަލްގެ ފާހާނާ ތެރެއިން ފިސްތޯލެއް ފެނުނު މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގެ ފާހާނާގެ ތެރެއިން ފެނުނު ފިސްތޯލައަކީ ރައީސް ނަޝީދުގެ ހަށިފާރަވެރިއެއްގެ ފިސްތޯލައެކެވެ. އަދި އެ ފިސްތޯލަ އެތަނުގައި ބޭއްވުނީ އޭނާއަށް ކަމަށް ވެސް އެނގިފައިވެ އެވެ.

އެކަން އިތުރަށް ކަށަވަރުކޮށްދެމުން އެމްއެންޑީއެފުން ބުނީ އެއީ ރަނގަޅު މައުލޫމާތެއް ކަމަށެވެ.

"ފާހާނާގައި ފިސްތޯލަ ބޭއްވިފައިވަނީ ސިފައިންގެ މީހާގެ އަތުންނެވެ. މިކަމާއި ގުޅިގެން އޭނާ ވަނީ ޑިއުޓީތަކުން އެއްފަރާތް ކުރެވިފަ އެވެ. އަދި މިލިޓަރީ ޕޮލިހުން މައްސަލަ ބަލާ އިތުރަށް ތަހުގީގު ކުރުމައްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ހުށަހަޅާފައި." އެމްއެންޑީއެފުން ބުންޏެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާތަކާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ޖަރުމަނުގަ އެވެ.

އޭގެ ކުރިން އޭޑީކޭ ހޮސްޕިޓަލުގައި ފަސް ދުވަހު އޮންނެވި އެވެ. އެ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހެއްދެވި އެވެ. އަދި އެމަނިކުފާނުގެ ހަށިގަނޑުގެ ތެރެއިން ގިނަ ރޭޒާފުއްތަކެއް ނެގި އެވެ.