ކޮވިޑް ޖެހިގެން މިއަދު ހަތަރު ވަނަ މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 72 އަހަރުގެ ފިރިހެނަކާއި 93 އަހަރުގެ އަންހެނެއް ވަނީ މަރުވެފަ އެވެ.

މިއަދު އެންމެ ފުރަތަމަ މަރުވީ ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާދިން އުމުރުން 36 އަހަރުގެ ނޭޕާލްގެ ފިރިހެނެކެވެ. އެއަށްފަހު މިރޭ އޭޑީކޭ ހޮސްޕިޓަލްގެ އީއާރަށް ގެންދިޔަ 62 އަހަރުގެ ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ، އެއީ ކޮވިޑް މަރެއް ކަމަށް އެޗްޕީއޭ އިން ވަނީ ނިންމާފަ އެވެ.

ކޮވިޑް ޖެހިގެން އިއްޔެ އެކަނި ވަނީ ހަތް މީހުން މަރުވެފަ އެވެ.

ކޮވިޑް އިންތިހާއަށް މާލޭގައި ގިނަވެފައިވާއިރު ކޮވިޑުގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަ ވަމުންނެވެ. ޖުމްލަ 115 މީހަކު މިހާރު ކޮވިޑުގައި މަރުވެއްޖެ އެވެ.

ހެލްތް ކެއާ ސިސްޓަމަށް ބާރުބޮޑުވެ ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބައެއް ސިއްހީ ދާއިރާގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ބެޑްތައްވެސް ވަނީ ފުރިފަ އެވެ.