ކާބުލް (ފެބްރުއަރީ 12) : ނޭޓޯގެ ހެލިކޮޕްޓަރެއް، އަފްޣާނިސްތާނުގެ ހުޅަނގުގެ ޒާބުލް ޕްރޮވިންސަށް މިއަދު ވެއްޓިއްޖެ އެވެ.

ނޭޓޯއިން ބުނާގޮތުގައި މިއީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެޖަމާއަތުގެ ސިފައިންނަށް ސަޕްލައި ކޮށްދިނުމުގައި ހަރަކާތްތެރިވާ ހެލިކޮޕްޓަރެކެވެ. މިހެލިކޮޕްޓަރު ވެއްޓުނުއިރު އޭގައި ތިބީ ކާބުލްގައި މަރުކަޒު ހުންނަ ހުޅަނގުގެ ސަޕްލައި ކުންފުންޏަކަށް ނިސްބަތްވާ ތަޖަކިސްތާނުގެ 4 މީހުން ކަމަށާއި މި ހާދިސާގައި މި 4 މީހުން ވެސް މަރުވެފައިވާ ކަމަށް ނޭޓޯ ބުނެ އެވެ. މިހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި އަސްކަރީ އެއްވެސް ހަރަކާތެއް ނުހިނގާތީ މިއީ އަފްޣާނިސްތާނުގެ ތާލިބާން ހަނގުރާމަވެރިންގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް މިހާދިސާ ތަހުގީގު ކުރަމުންގެންދާ ކަމަށް ނޭޓޯ ބުނެ އެވެ.

އަފްޣާނިސްތާނަށް ވެއްޓޭ ކަމަށް ނޭޓޯ ބުނާ ހެލިކޮޕްޓަރުތައް ވައްޓާލުމުގެ ޒިންމާ އުފުލާފައިވަނީ ތާލިބާން ހަނގުރާމަވެރިންނެވެ. ތާލިބާނުން ވައްޓާލި ކަމަށް ބުނާ ހެލިކޮޕްޓަރުތަކާމެދު ނޭޓޯ ބުނަނީ އެއީ ޓެކްނިކަލް ސަބަބުތަކާ ގުޅިގެން ވެއްޓޭ ހެލިކޮޕްޓަރުތަކެއް ކަމުގަ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަފްޣާނިސްތާނަށް ވެއްޓުނު ނޭޓޯގެ ޝިނޫކް މަރުކާގެ އަސްކަރީ ހެލިކޮޕްޓަރު ވައްޓާލުމުގެ ޒިންމާ އުފުލާފައިވަނީ ވެސް ތާލިބާނުންނެވެ.

އޭގެކުރިން އޮކްޓޯބަރު މަހުވެސް ނޭޓޯގެ މިމަރުކާގެ އަސްކަރީ ހެލިކޮޕްޓަރެއް އަފްޣާނިސްތާނުގެ ވުރްދުކް ސަރަހައްދަށް ވެއްޓިފައިވާއިރު އެކަމުގެ ޒިންމާވެސް އުފުލާފައިވަނީ ތާލިބާނުންނެވެ. ނަމަވެސް ނޭޓޯއިން ބުނެފައި ވަނީ މި ދެހެލިކޮޕްޓަރުވެސް ވެއްޓިފައިވަނީ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ކަމުގަ އެވެ. މިއަދު ވެއްޓުނު ހެލިކޮޕްޓަރު ވައްޓާލުމުގެ ޒިންމާ ވެސް އުފުލައި ތާލިބާނުންގެ ތަރްޖަމާނަކު ބަޔާނެއް ދެއްވާފައިވާ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ 2011 ވަނަ އަހަރު ތާލިބާނުންގެ ހަމަލާތަކުގައި ނޭޓޯ ސިފައިންގެ 566 މީހުން މަރާލައި އެތަށް ސަތޭކަ ބަޔަކު ޒަހަމްކޮށްލާފައިވެ އެވެ. އަދި ނޭޓޯގެ ހަމަލާތަކުގައި ތާލިބާނުންގެ އެތައް ސަތޭކަ ބަޔަކު މަރާލައި އެތައް ހާސް ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)