ރާއްޖޭގައި ކޮވިޑް19ގެ އެކްޓިވް ކޭސްތައް 20،000 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންށީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް 20،276 މީހަކު އެބަ ތިއްބެވެ.

އެކްޓިވް ކޭސްތައް 20،000 އަށް ވުރެ މައްޗަށް އެރީ މިއަދު ޕޮޒިޓިވްވި 2194 މީހުންނާ އެކު އެވެ. މިއީ ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ އަދަކަށް ޕޮޒިޓިވް މީހުން ދެނެގަނެވުނު ދުވަހެވެ.

މިވަގުތު ކޮވިޑް ޖެހިފައި ތިބި 20،276 މީހުންގެ ތެރެއިން 280 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ ބައި ލައްކަ ހުރަސްކޮށްފަ އެވެ. މިހާތަނަށް ރާއްޖެއިން 50،802 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 30،402 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑް19 ޖެހިގެން މިހާތަނަށް ރާއްޖެއިން 114 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި މިއަދު މަރުވި ދެ މީހުންނާއި، އިއްޔެ މަރުވި ހަތް މީހަކު ހިމެނެ އެވެ.