20 May 2021, 21:34
ކޮވިޑް19 އަށްފަހު ލޮލުގެ ފެނުން ގެއްލޭ، މިއުކޯމައިކޯސިސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެ އިން ފެނިއްޖެ އެވެ.
މިއުކޯމައިކޯސިސް އަކީ ފަންގަލް އިންފެކްޝަނެކެވެ. އެއީ ދުނިޔޭގައި މަދުން ނުފެންނަ، ނުރައްކާތެރި އިންފެކްޝަނެކެވެ. ފަހަކަށް އައިސް، އަވައްޓެރި އިންޑިއާގައި، ކޮވިޑް19 އިން ރަނގަޅުވާ މީހުންނަށް މި އިންފެކްޝަން ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ރާއްޖެއިން ވެސް މިއުކޯމައިކޯސިސްގެ އަލާމާތްތައް ފެނިފައި ވަނީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހެއްގެ ކިބައިންނެވެ. އެމީހާ ދެއްކީ އައިޖީއެމްއެޗް އަށެވެ. މިއުކޯމައިކޯސިސް އަށް ޝައްކު ކުރެވުމުން, އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ވަނީ ފޮނުވައިފަ އެވެ.
އެއީ މިއުކޯމައިކޯސިސްގެ ކޭސް އެއް ކަން ނުވަތަ ނޫން ކަން ޔަގީން ވާނީ ނަތީޖާ ލިބުމުންނެވެ.
"ބްލެކް ފަންގަސް" ގެ ނަމުން މަޝްހޫރުވެފައިވާ ބައްޔަށް ފަރުވާދޭނެ ބޭސް ރާއްޖޭގައި ނުހުންނަ ކަމަށް ބައެއް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އެތައް ގުނައެއް މައްޗަށް ގޮސްފައިވާއިރު، ބަލިން ރަނގަޅުވެފައި ތިބޭ މީހުންނާއި ބަލިން ރަނގަޅުވަމުން އަންނަ މީހުންގެ ގައިން ބްލެކް ފަންގަސް އަންނަނީ ފެންނަމުންނެވެ. އަދި އިންފެކްޝަންގެ ސަބަބުން ބައެއް މީހުންގެ ލޯ ނަގަން ޖެހިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.
މި އިންފެކްޝަންގެ ސަބަބުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލުމުގައު ދަތިތަކާ ކުރިމަތިލާން ޖެހި ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެ އެވެ. ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.