ސްޕެނިޝް ލަލީގާ ކާމިޔާބުކުރުމަށް ބާސެލޯނާއިން ކުރަމުން ދިޔަ މަސައްކަތަށް އޮސަސޫނާ އިން ހުރަސް އަޅައިފި އެވެ. ރޭ ކުޅުނު މެޗުން ބާސާގެ މައްޗަށް އޮސަސޫނާ ކުރި ހޯދީ 3-2 ލަނޑުންނެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ޑެޖަން ލެކިޗް އޮސަސޫނާ އަށް ލީޑު ހޯދައިދިންއިރު، މެޗުގެ 22 ވަނަ މިނެޓުގައި ލެކިޗް ވަނީ އެޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ބާސާ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ލަނޑުން އޮސަސޫނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭޒް ވަނީ ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ރައުލް ގާސިއާ ވަނީ އޮސަސޫނާ އަށް އަލުން ލީޑު ފުޅާކޮށްދީފަ އެވެ. ބާސާގެ ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ކްރިސްޓިއަން ޓެލޯ އެވެ. މިމެޗު ނިމިގެންދިޔައީ 3-2 ލަނޑުން އޮސަސޫނާ ކުރީގައި އޮވެގެންނެވެ.

ލަލީގާ ގައި ރޭ އެތްލެޓިކް ބިލްބާއޯ އަތުން ރެއާލް ބެޓިސް ވަނީ ކާމިޔާބީ ހޯދާފަ އެވެ. މެޗުގެ ދިހަ ވަނަ މިނެޓުގައި ބެޓިސް އަށް ލީޑު ހޯދައިދިނީ ރުބެން ކާސްޓްރޯ އެވެ. ނަމަވެސް މެޗުގެ 22 ވަނަ މިނެޓުގައި ހަވީ މާޓިނޭޒް ވަނީ ބިލްބާއޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ބެޓިސް އަށް އަލުން ލީޑު ހޯދައިދިނީ ނެލްސަން އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ބެޓިސް ކުރީގައި އޮވެގެންނެވެ.

ރޭސިންގް ސަންޓެންޑާ އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިމެޗުގައި އެތްލެޓިކޯ މެޑްރިޑަށް ނަތީޖާ ބަދަލުކޮށްލަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އެތްލެޓިކޯގެ ފޯވާޑް ފަލްކާއޯ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ސްޕެނިޝް ލަލީގާގައި ހަވީރާއި މިރޭ ވެސް މުހިންމު މެޗުތަކެއް ކުރިއަށް ދާނެ އެވެ. ހަވީރު 4:00 ގައި އެސްޕާނިޔޯލް އާއި ރެއާލް ޒަރަގޯޒާ ބައްދަލުކުރާ އިރު، މިރޭ 8:00 ގައި މަލާގާ އާއި ދެކޮޅަށް މަލޯކާ ނުކުންނާނެ އެވެ. މިރޭ 8:00 ގައި ކުރިއަށް ދާނެ އަނެއް މެޗަކީ ރަޔޯ ވަލެކާނޯ އާއި ގެޓަފޭ ބައްދަލުކުރާ މެޗެވެ. ވިޔަރެއާލް އާއި ގްރަނޭޑާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 11:45 ގައެވެ. ވެލެންސިއާ އާއި ދެކޮޅަށް މިރޭ 10:00 ގައި ނުކުންނައިރު، ރެއާލް މެޑްރިޑާއި ލަވެންޓޭ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:30 ގައެވެ.