20 May 2021, 17:19
ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހްމަދު އީސާގެ މައްޗަށް ކުރެވިފައިވާ ގެވެށި އަނިޔާގެ ތުހުމަތާ ގުޅިގެން، ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލަ އެއް ފެންމަތިވުމާއެކު އީސަ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ގޮވަލާ އަޑުވެސް ވަނީ ގަދަވެފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނަ އިރު، އީސަ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
އެ މައްސަލައިގައި އެމްޑީޕީގެ ފަރާތުން އެއްޗެއް ނުބުނާތީ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަނިކޮށް، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީސައަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ އަމަލާ މެދު ކަންބޮޑުވާ ކަމަށާއި އެކަން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހުގީގެއް އަވަހަށް ހިންގައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ މި ޕާޓީން އެއްގޮތަކަށް ވެސް ޓޮލަރޭޓްކުރާނޭ އަމަލުތަކެއް ނޫނެވެ." ބަޔާނުގައިވެ އެވެ.
އެހެންކަމުން އީސަގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން، އެ ޕާޓީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
"އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު އީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވެއެވެ."
އެމްޑީޕީން ބުނީ އީސަގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާއީ ތަހުގީގު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާކަމަށެވެ.
ގެވެށި އަނިޔާގެ ތުހުމަތާއެކު އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އީސަ މުގަރިރުކަމުން އިސްތިއުފާ ދިނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން އެ ކޮމިޓީގެ ބައްދަލުވުން ނިންމާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭގަ އެވެ.
މަޖިލީހުގެ ލެޓާ ހެޑްގައި އީސަ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮމިޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، "ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން" އަރުވާ ކަމަށެވެ.
ފުލުހުންނަށް އިތުބާރު އޮތް ކަމަށް ބުނެ، އީސަ ވިދާޅުވީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ އިއްޔެ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.
އެކަމާ ގުޅިގެން އަސްރާ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރަކީ، އޭނާ އާއި އޭނަގެ ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ. އަދި މިކަމަކީ ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނު ވަގުތުތަކެއް ކަމަށް އޭނާ ބުންޏެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދިފައެވެ.