ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހްމަދު އީސަ، ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުތައް ދޮގުކޮށް، އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އީސަ މުގަރިރުކަމުން އިސްތިއުފާ ދީފައި މިވަނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން އެ ކޮމިޓީގެ ބައްދަލުވުން ނިންމާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭ އެވެ.

މަޖިލީހުގެ ލެޓާ ހެޑްގައި އީސަ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮމިޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި މިއަދުން ފެށިގެން އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އަޅުގަނޑު އިސްތިއުފާ ދިން ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ބަޔާނުގައި އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، "ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން" އަރުވާ ކަމަށެވެ.

ފުލުހުންނަށް އިތުބާރު އޮތް ކަމަށް ބުނެ، އީސަ ވިދާޅުވީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ އިއްޔެ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.

އެކަމާ ގުޅިގެން އަސްރާ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރަކީ، އޭނާ އާއި އޭނަގެ ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ. އަދި މިކަމަކީ ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނު ވަގުތުތަކެއް ކަމަށް އޭނާ ބުންޏެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދިފައެވެ.