ވޮޝިންޓަން (މެއި 20): އެމެރިކާއިން އިސްރާއީލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމާ ދެކޮޅަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ މެމްބަރުންތަކެއް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅައިފި އެވެ.

އިސްރާއީލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެއްބަސްވެވަޑައިގަތްކަން އެގައުމުގެ ކޮންގްރެސްއަށް އެންގީ މިމަހުގެ ފަހެއްގަ އެވެ. އަދި އެފަދަ އެއްބަސްވުންތަކާ ދެކޮޅު ހަދަން ކޮންގްރެސްއަށް 15 ދުވަސް ލިބޭނެ އެވެ.

އެ އެއްބަސްވުމާ ދެކޮޅަށް ކޮންގްރެސްއަށް ގަރާރު ހުށަހެޅުމުގައި އިސްކޮށް ތިއްބެއްވީ ނިއު ޔޯކްގެ މެމްބަރު އެލްގްޒެންޑްރާ އޮކާސިއޯ ކޯޓޭޒް އާއި ފަލަސްތީން ދަރިކޮޅުގެ މިޝިގަންގެ މެމްބަރު ރަޝީދާ ތަލީބު އެވެ. ނަމަވެސް އެ ގަރާރު ކޮންގްރެސްގެ ތިރީގެއިން ނުވަތަ ފޮރިން އެފެއާޒް ކޮމިޓީން ފާސް ކުރުމަކީ ނާދިރު ކަމެއް ކަމަށް އެގައުމުގެ ނޫސްތަކުން ލަފާ ކުރެ އެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކުރުމަށް ޝަރުތުނުކޮށް، އެމެރިކާއިން ވަނީ އެތައް އަހަރުތަކެއް ވަންދެން އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް ވިއްކާފަ. އެހެންކަމުން އަޅުގަނޑުމެން ވަނީ އެތައް މިލިއަން މީހުން މެރުމަށާއި މަގުމަތިކުރުމަށާއި އެމީހުންގެ ހައްގުތައް ނިގުޅައިގަތުމަށް ސީދާ ގޮތެއްގައި އެހީތެރިވެދީފަ،" ކޯޓޭޒް ވިދާޅުވި އެވެ.

އެމެރިކާއިން ބުނާ ގޮތުގައި އެގައުމުގެ ސަރުކާރުން ދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ބަޔާނެއް ނެރުން އެމެރިކާއިން ވަނީ ފާއިތުވި ދުވަސްތަކުގައި ހަތަރު ފަހަރެއްގެ މަތިން ހުއްޓުވާފަ އެވެ.

އޭގެ ސަބަބުން ބައިޑެން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުންވެސް ވަނީ އެމެރިކާއިން އިސްރާއީލަށް ކުރާ ތާއިދަށް ފާޑު ކިޔާފަ އެވެ.

އެމެރިކާއިން ކޮންމެ އަހަރަކު އިސްރާއީލަށް 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދެ އެވެ. އަދި އެންމެ ފަހުން އެގައުމުން ފޮނުވަން އެއްބަސްވި ހަތިޔާރުގެ ތެރޭގައި ސީދާ ވަކި ތަނަކަށް އަމާޒުކޮށް ދެވޭ 'ޕްރެސިޝަން ގައިޑެޑް މިސައިލްސް' ނުވަތަ 'ސްމާޓް ބޮން' ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓު ކުރި އެވެ.

އިސްރާއީލުން މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 227 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި 64 ކުޑަކުދިންނާއި 38 އަންހެނުން ހިމެނެ އެވެ. އަދި އިސްރާއީލަށް އަމާޒުވި ހަމަލާތަކުގައި 12 މީހަކު މަރުވެފައިވެ އެވެ.