20 May 2021, 14:09
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހްމަދު އީސައަށް ތުހުމަތު ކުރެވޭ ގެވެށީ އަނިޔާގެ މައްސަލައާއި ގުޅިގެން އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރަން ހުށަހެޅި މައްސަލައިގައި ގޮތެއް ނުުނިމި ކޮމިޓީ ނިންމާލަން ޖެހިއްޖެ އެވެ.
އެ މައްސަލައަށް ގޮތެއް ނުނިމުނީ، ވޯޓަށް އެހަން ބެލި އިރު، ގަވައިދުގާ ބުނާ އަދަށް މެމްބަރުން ބައްދަލުވުމުގައި ބައިވެރިވެފައި ނުވާތީވެ އެވެ.
މަޖިލިސް ގަވައިދު ބުނާ ގޮތުން ކޮމިޓީގެ މުގައްރިރު ނުވަތަ ނައިބު ނުގައްރިރު އެ މަގާމުން ވަކި ކުރާނަމް ނުވަ މެމްބަރުން ތިބޭ ކޮމިތީއެއްގައި ކޮމިޓީގެ ޗެއާ އާ އެކު މަދުވެގެން ހަ މެމްބަރުން ތިބެން ޖެހޭނެ އެވެ. މިއަދު ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ ޗެއާ އާ އެކު ތިބީ ފަސް މެމްބަރުން ކަމަށް ނައިބު މުގައްރިރު މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާ ވިދާޅުވި އެވެ.
އޮންލައިންކޮށް ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި، ނައިބު މުގައްރިރު ފިރުޝާންއެވެ. އޭނާ ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ޗެއާއެކު ތިއްބެވީ ފަސް މެމްބަރުން ކަމަށެވެ. އެއީ، ފިރުޝާންގެ އިތުރުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އަދި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އެވެ.
"މިވަގުތު ކޮމިޓީގައި ވޯޓިިން ކޯރަމްއެއް ނެތް. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކޮމިޓީގެ ދެން ތިއްބެވި ބަކީ ތިބި ތިން މެމްބަރުންނާ ގުޅައިގެން ކޮމިޓީގައި ބައިވެރިވެވޭތޯ. އެހެން ނަމަވެސް ވާ ގޮތެއް ނުވީމަ، ވޯޓު ނެގުން ފަސްކޮށްލާފައި ކޮމިޓީ މިވަގުތަށް ނިންމާލާނަން،" ފިރުޝާން ވިދާޅުވި އެވެ.
ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ތެރެއިން މިއަދު ކޮމިޓީ ބައްދަލުވުމަށް ހާޒިރު ނުވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އަދި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު އެވެ. އެ މެމްބަރުން ކޮމިޓީއަށް ހާޒިރު ނުވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ބައްދަލުވުން ފައްޓަވަމުން ފިރުޝާން ވިދާޅުވީ، ފުލުހުން އީސަ މައްސަލަ ބަލަމުންދާތީވެ، އެކަމަކީ ކޮމިޓީގެ މެމްބަރުންނަށް ބަލައި ގަނެވޭނެ ކަމަކަށް ނުވާތީވެ، މަޖިލިސް ގަވައިދުގެ 134 މާއްދާގެ (ހ)ގެ ދަށުން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކޮމިޓީއަށް ހުށަހެޅިފައިވާ ކަމަށެވެ.
މަޖިލިސް ގަވައިދުގެ 134 މާއްދާގެ (ހ)ގައި ބުނަނީ، މަޖިލީހުގެ ކޮމިޓީއެއްގައި ހިމެނޭ މެމްބަރުންގެ ތިންބައިކުޅަ އެއްބައަށްވުރެ މަދު ނޫން މެމްބަރުންނަށް ކޮމިޓީގެ މުުގައްރިރުގެ އިތުބާރު ނެތް ކަމަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލަ މަޖިލިސް ރައީސަށް ލިޔުމުން ހުށަހެޅިދާނެ ކަމަށެވެ.
ކޮމީޓީގައި މުގައްރިރާއެކު ނުވަ މެމްބަރުން ތިބޭއިރު، އީސަގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލިސް ރައީސަށް ފޮނުވި ސިޓީގައި ކޮމިޓީގެ ތިން މެމްބަރަކު ސޮއިކޮށްފައިވާ ކަމަށް ފިރުޝަން ވިދާޅުވި އެވެ. އެއީ ފިރުޝާން އާއި ހިންނަވަރު ދާއިރާ މެމްބަރު ޖިހާން މަހްމޫދު އަދި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.
މަޖިލިސް ގަވައިދުގެ 134 ވަނަ މާއްދާގައި (ރ)ގައި ބުނާ ގޮތުން ކޮމިޓީގެ މުގައްރިރުގެ އިތުބާރު ނެތް ކަމަށް ކޮމިޓީގެ ޖުމްލަ މެމްބަރުނއގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ، މުގައްރިރު އިންތިހާބުކުރުން ދެން އެންމެ އަވަހަކަށް ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކުރަންވާނެ ކަމަށެވެ. އެހެން ކަމުން ކޮމިޓީން އީސަގެ އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ، އޭނާ އެ މަގާމުން ވަގުތުން ވަކިވާނެ އެވެ.
އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ އިއްޔެ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.
އެކަމާ ގުޅިގެން އަސްރާ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރަކީ، އޭނާ އާއި އޭނަގެ ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ. އަދި މިކަމަކީ ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނު ވަގުތުތަކެއް ކަމަށް އޭނާ ބުންޏެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދިފައެވެ.