ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެ ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން، ކޯޓުގައި އެދިއްޖެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް ފުލުހުންގެ ފަރާތުން ޕީޖީގައި އެދިފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެދުމުގެ މަތިން، އީސަ ހައްޔަރު ކުރުމަށް އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި މިހާރު އެދިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ އިއްޔެ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަގެ މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ސްޕްރިޑެންޓް އޮފް ޕޮލިސް، މުހައްމަދު ބަޝީރު ވިދާޅުވީ، އީސަގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްއާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާ ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އަޅުގަނޑުމެން ވާނީ ހިއްސާކޮށްފައި. އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ މަޝްވަރާ ލިބުމުން އެ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" ބަޝީރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންވެސް އަދި ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރު ކުރުމުގައި އަމަލުކުރަން ޖެހޭނެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ ގާނޫނުގައި ބުނެފައިވާގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކުން ކަމަށެވެ. އެފަދަ އަމުރަކަށް ކޯޓުގައި އެދެވޭނީ ޕީޖީއަށް ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މެމްބަރަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ފަހު ލަސްނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމުން އެކަން އަންގަންވާނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މީގެ ދެ ރޭ ކުރިން އަސްރާ ދިރިއުޅުއްވާ އީސަގެ ގޭގައި ހިނގި ދެބަސްވުމެއްގައި އީސަ، އަސްރާ ގައިގައި ޖެހިކަމަށް މައުލޫމާތު ލިބެ އެވެ. އަދި އަސްރާ ރޮމުން ނުކުތް މަންޒަރުވެސް ބަޔަކަށް ފެނިފައިވެ އެވެ.

އެކަމާ ގުޅިގެން އަސްރާ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރަކީ، އޭނާ އާއި އޭނަގެ ދަރިފުޅަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ. އަދި މިކަމަކީ ކުރިމަތިވެދާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނު ވަގުތުތަކެއް ކަމަށް އޭނާ ބުންޏެވެ.

"ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ޙާލުވެސް މިހާރު ރަގަނޅެވެ. މި އުނދަގޫ ވަގުތުގައި، ރަޙުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، އަޅުގަނޑަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ޝުކުރިއްޔާ،" އަސްރާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެ އެވެ.

އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުގައި ޕީޖީން އެދުނު އިރު، އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށް ސޯޝަލް މީޑިއާގައިވެސް ދަނީ ގޮވާލަމުންނެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަންވެސް ކުރައްވަމުން ގެންދަވާ އީސާއަށް ތުހުމަތު ކުރެވޭ މި މައްސަލަ ފެންމަތިވުމާއެކު، އެ ކޮމެޓީން އޭނާ ވަކި ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފަ އެވެ.