ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ގެވެށި އަނިޔާގެ މައްސަލަ އެއް ފެންމަތިވުމާއެކު އީސަ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ގޮވަލާ އަޑު ގަދަ ވެއްޖެ އެވެ.

އީސަގެ ފަރާތުން އަނިޔާލިބިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ އައިޖީއެމްއެޗް އިން ފަރުވާ ވެސް ހޯއްދަވައިފަ އެވެ. އަސްރާ އަކީ ނައިބުރައީސް ފައިސަަލް ނަސީމްގެ ކޮއްކޯފުޅެވެ.

މީގެ ދެ ރޭ ކުރިން އަސްރާ ދިރިއުޅުއްވާ އީސަގެ ގޭގައި ހިނގި ދެބަސްވުމެއްގައި އީސަ، އަސްރާ ގައިގައި ޖެހިކަމަށް މައުލޫމާތު ލިބެ އެވެ. އަދި އަސްރާ ރޮމުން ނުކުތް މަންޒަރުވެސް ބަޔަކަށް ފެނިފައިވެ އެވެ. އަދި އަސްރާއަށް އަނިޔާވެފައިވާ ކަމަށް އަވަށްޓެރިޔަކާ ހަވާލާދީ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން އީސަ އާއި އަސްރާގެ ދަރިކަލުންނަށްވެސް އީސަގެ ފަރާތުން އަނިޔާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އެގޮތުން އީސަ އާއި އަސްރާ ދިރިއުޅުއްވާ އެޕާޓްމަންޓުގެ ބެލްކަނިން ދަރިފުޅު ވައްޓާލާނެ ކަމަށް ބިރު ދެއްކި ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

އީސަ ޖެހިކަމަށް އަސްރާ ވިދާޅުވި ނަމަވެސް، އީސަގެ ފަރާތުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މައްސަލައާ ގުޅިގެން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތުހުމަތުވާ މީހެއްގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ އާއި ގުޅިގެން އަސްރާ އިއްޔެ ފުލުހުންނަށް ބަޔާން ވެސް ވަނީ ދީފަ އެވެ.

މެންބަރު އީސަ ހައްޔަރުކޮށް ފިޔަވަޅު އަޅަން ގޮވާލާ، އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލާ "ރައިޒް އަޕް" މޫމަންޓުން ބުނީ އަނބިމީހާ އާއި ދަރިފުޅަށް އަނިޔާ ކުރާ މީހުންނަކީ މުޖުތަމައަށް ވެސް ހުރި ނުރައްކަލެއް ކަމަށާއި އީސަ ހައްޔަރު ކުރުމަށް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ އީސަގެ އަމަލުތަކަކީ މަޖިލީހުގެ އެހެން މެންބަރުންނަށްވެސް ލަދުވެތި ކަމެއް ކަމަށާއި، އީސަ ހައްޔަރުކޮށް ފިޔަވަޅު އަޅަން ފުލުހުންނަށް ގޮވާލާ ކަމަށެވެ.

ދަރިފުޅު ބެލްކަނިން ވައްޓާލާނެ ކަމަށް ބުނެ ބިރު ދައްކައި، ދަރިފުޅުގެ މަންމަ އަށް އަނިޔާކޮށް ހަދާ މީހާ އަކީ ޓެރަރިސްޓެއް ކަމަށާއި އެދަފަ މީހުން މިނިވަންކޮށް ތިބެނީ ކީއްވެތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާ އީސަ ހައްޔަރު ކުރަން ވަނީ ގޮވާލައިފަ އެވެ.

އީސަ އަކީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމަށާއި އެ ކޮމެޓީގެ މުގައްރިރު ކަމުގައި އިނުމަށް އީސަގެ ކުފޫ ހަމަނުވާކަމަށް ބުނެ އޭނާ އެ ކޮމެޓީ އިން ވަކިކުރުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.