12 Feb 2012, 16:30
އިނގިރޭސި ގައުމީ ޓީމުން ގެއްލިގެން ދިޔައީ މޮޅު ކޯޗެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުން ފަބިއޯ ކަޕެއްލޯ އިސްތިއުފާ ދިނުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކަޕެއްލޯ އިސްތިއުފާ ދީފައިވަނީ އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ގައުމީ ޓީމުގެ ކެޕްޓަން ކަމުން ޖޯން ޓެރީ ދުރުކުރުމުން ނެވެ. އިނގިރޭސި އެފްއޭ އިން ގައުމީ ޓީމުގެ ކެޕްޓަން ކަމުން ޓެރީ ދުރުކުރީ ކިޔުޕީއާރު ޑިފެންޑަރު އެންޓަން ފާޑިނަންޑާއި ނަސްލީގޮތުން ދިމާކުރި ކަމުގެ މައްސަލަ ފެންމަތި ވުމުންނެވެ. އިނގިރޭސި އެފްއޭގެ މި ނިންމުމާއި ގުޅިގެން އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ ކަޕެއްލޯ އެވެ.
"އިނގިރޭސި ގައުމީ ޓީމުން ގެއްލިގެން ދިޔައީ މޮޅު ކޯޗެއް. ކަޕެއްލޯ އަކީ ކާމިޔާބީ ކޯޗެއް. ކަޕެއްލޯ ހުރި ނަމަ، އިނގިރޭސި ވިލާތަށް މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބުނީސް. ނަމަވެސް އެމުބާރާތް މިހާ ކައިރިވެފައި ވަނިކޮށް އިސްތިއުފާ ދިނުމުން ގައުމީ ޓީމަށް އުނދަގޫތަކަކާއި ކުރިމަތިވާނެ." މަންޗިނީ ބުންޏެވެ.
އިނގިރޭސި ގައުމީ ޓީމަށް ކޯޗު ކޮށްދިނުމުގެ ކުރިން ވެސް ކަޕެއްލޯ އަކީ މަޝްހޫރު ކޯޗެކެވެ. ޔުވެންޓަސް އަދި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ކަޕެއްލޯ އަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ.