ގުދުސް (މެއި 20): އިސްރާއީލާއި ހަމާސްއިން ދެމުންދާ ހަމަލާތައް ހުއްޓާލަން ވަރަށް އަވަހަށް ދެ ފަރާތުން އެއްބަސްވުމަކަށް އައުން އެކަށީގެންވާ ކަމަށް ހަމާސްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަމާސްގެ ސިޔާސީ އޮފިޝަލެއް ކަމަށްވާ މޫސާ އަބޫ މަރްޒޫކް، ލުބުނާނުގެ އަލް މަޔާދީން ޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން މިހާރު ކުރިއަށްގެންދާ މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް އޭނާއަށް ބެލެވެ އެވެ.

"ހަމަލާތައް ހުއްޓުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވާނެހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑު ލަފާ ކުރަނީ އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭ ހަމަލާތައް ހުއްޓާލަން ދެ ފަރާތުން އެއްބަސްވާނެ ކަމަށް،" މަރްޒޫކް ވިދާޅުވި އެވެ.

ހަމާސްއިން އެފަދައިން ބުނި ނަމަވެސް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "އިސްރާއީލްގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ހަމަޖެހުން ގާއިމު ކުރެވެންދެން" ޣައްޒާއަށް ހަމަލާ ދެމުންދާނެ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 227 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 64 ކުޑަކުދިންނާއި 38 އަންހެނުން ހިމެނެ އެވެ. އަދި އިސްރާއީލުން 12 މީހަކު މަރުވެފައިވެ އެވެ.