19 May 2021, 21:33
ދީނީގޮތުން ހަރުކަށި ފިކުރާ ގުޅުން ހުރި ބަޔަކަށް ޓާގެޓްކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބ.ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުން ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެންނެވެ. އަދި ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި މީހެއްކަންވެސް އެނގިފައިވެ އެވެ.
މި ހަފްތާ ތެރޭވެސް ފުލުހުން ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި ބޮޑެއް މާލެއިން މާލެއިން ހައްޔަރުކޮށްފަ އެވެ. މާލެއިން ހައްޔަރު ކުރީ އަބްދުﷲ އަލިމަނިކެވެ. އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލި މީހެކެވެ. "ސަން"އަށް އެނގިފައިވާ ހިމަންދޫގައި ދީނީ ހަރުކަށި ފިކުރު ފަތުރައި، އެ ރަށުގައި ވަކިވެގަނެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ" ކުރުމުގައި އޭނާ ބައިވެރިވެފައިވެ އެވެ.
އަލިމަނިކަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި އާންމުންގެ ސަލާމަތަށް ގެއްލުންވާގޮތަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަސް ރޭވުން ހިމެނެ އެވެ.
ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން މި އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ އެތައް އޮޕަރޭޝަންތަކެއް ވަނީ ކޮށްފަ އެވެ. ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގަ އެވެ.
އެމައްސަލައާ ގުޅިގެންވެސް ފުލުހުން ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.