ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭ ދާއިރާއިން ކަނޑައަޅާ މެންބަރުގެ މަގާމަށް ކަނޑައެޅުމަށްޓަކައި މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ އެއްވަރުވެގެން އަލުން އެ ދާއިރާގެ ވޯޓްލުން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފް މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އެ ތިން އަތޮޅުގެ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި އިންތިހާބުގެ ނަތީޖާ އެއްވަރުވެފައިވާތީ މާދަމާ އަލުން އިންތިހާބް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ދާއިރާގެ މެންބަރު ކަމަށް ކުރިމަތި ލައްވާފައިވާ ދެ ބޭފުޅުންނަކީ ށ. އަތޮޅަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. އެއީ ކަނޑިތީމު ދާއިރާގެ އަތޮޅު ކައުންސިލާގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި މިލަންދޫ ދާއިރާގެ މެންބަރު ފިރާގު އިބްރާހިމެވެ.

ޝަރީފް އަދި ވިދާޅުވީ ދެވަނަ ފަހަރު ބާއްވާ އިންތިހާބުގެ ވޯޓުގެ ނަތީޖާ ވެސް އެއްވަރުވެއްޖެ ނަމަ، ތިން ވަނަ ފަހަރަށް ވެސް ވޯޓް ލުން ބާއްވާނެ ކަމަށާއި އަދި އެފަހަރު ނަތީޖާއަށް ބަދަލު އަންނަން ދެއް ވޯޓް ލުން ކުރިއަށް ގެންދާނެ ކަމަށެވެ.

" ދެވަނަ ފަހަރު އެއްވަރު ވެއްޖެއްޔާ ވެސް ތިން ވަނަ ބުރަކަށް ވޯޓް ލުން ކުރިއަށް ގެންދާނެ. އަދި ތިން ވަނަ ދުވަހު ނަތީޖާ ބަދަލުވަންދެއް ވޯޓްލުން ކުރިއަށްދާނެ،" ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ގަވާންމަންޓް އޮތޯރިޓީގެ ބޯޑަށް ހއ. ހދ. އަދި ށ. އަތޮޅުން މެންބަރަކު އިންތިހާބް ކުރަނީ އެ ބޯޑުގައި ހިމެނޭ ނުވަ މެންބަރުންގެ ތެރެއިން ރާއްޖޭގެ ހަތަރު ސަރަހައްދުން ކަނޑައަޅާފައި ހުންނަވާ ހަތަރު މެންބަރުންގެ ތެރެއިން އެއް ބޭފުޅަކު ހަތް ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާތީ، އެމަގާމުން އޭނާ ވަކިކުރުމުގެ ސަބަބުން އެމަގާމު ހުސްވެފައިވާތީ އެވެ.

މީގެއިތުރުން އެބޯޑަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ މެންބަރުގެ މަގާމު ވެސް ކުރިން ހޯމް މިނިސްޓާ ކަމުގެ މަގާމުގައި ހުންނެވި ހަސަން އަފީފް އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ވަނީ ހުސްވެފަ އެވެ.

އެ ބޯޑުގައި ހިމެނިވަޑައިގެންނަވާ އެހެން ބޭފުޅުންނަކީ މާލެ ސިޓީން ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު މުހައްމަދު ފަލާހު އާއި އައްޑޫ ސިޓީން ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު އަހުމަދު މިރުޒާދާއި އާއްމުންގެ ތެރެއިން ކަނޑައަޅުއްވާ މެންބަރު މުހައްމަދު ޒާހިދު އަދި ޖަމިއްޔާތަކުން ކަނޑައަޅުއްވާ މެންބަރު މުހައްމަދު ފައިސަލެވެ.