19 May 2021, 19:55
ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި ރޭ މާލެ އިން ހައްޔަރު ކުރި، އަބްދުﷲ އަލީމަނިކަށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ފަދަ ޓެރަރިސްޓް ހަމަލާއެއް ރާވާކަމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން މިއަދު ކޯޓުގައި ބުނެފި އެވެ.
އޭނާ ހައްޔަރުކުރީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގަ އެވެ. އަދި މިއަދު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް އޭނާ ބަންދު ކުރީ އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި ވާތީ އެވެ. އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ފުލުހުން ވަނީ ހަތް ކަމެއް ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި މުޖުތަމައަށް ބޮޑު ގެއްލުމެއް ލިބޭނެ ފަދަ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ހިމެނެ އެވެ.
އޭނާ ބަންދުކުރަން ފުލުހުން އެދުނު ސަބަބުތައް:
ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ތެރެއިން އެންމެ އިސް ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވުން
- އޭނާ ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް ދީނީ ހައްދުފަހަނައާޅަފައިވާ ފިކުރު ކުރިއރެރުވުމަށާއި އެ ފިކުރަށް ހިތްވަރުދޭ ކްލާސްތައް ބާއްވައި ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން
- މީނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިންގުމުގައި ގިނަ ބަޔަކު ބައިވެރިވުން އޮތް ކަމަށް ބެލެވުން
- ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށް އޭނާ ތާއީދުކުރާ ކަމަށާއި އަދި ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިކުރުވުމަށް، ޖިހާދުކުރުމުގެ ނަމުގައި މީހުން ފޮނުވުމާއި، އެކަމަށް މީހުން ރެކްރޫޓް ކުރުމުގައި އޭނާ އިސްދައުރެއް އަދާކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން
- ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވަމުންދާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތުން
- ތުހުމަތު ކުރެވޭ މައްސަލައަކީ މުޖުތަމައުގެ އަމަންއަމާންކަމާއި ގުޅިފައިވާ މައްސަލައަކަށް ވުން
- ތުހުމަތު ކުރެވޭ މައްސަލައަކީ މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބޭ މައްސަލައަކަށް ވުން
ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ދިފާއުގައި ވާހަލަދސއްކަން ފުރުސަތު ދިނުމުން، އަލިމަނިކު ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. އަދި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކޮށް އޭނާ ހައްޔަރުކޮށްފައި ވަނީ ދަރިންގެ ކުރިމަތީގައި ކަމަށާއި، އެކަމުގެ ސަބަބުން ދަރިންނަށް ނަފްސާނީ ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަަމަށެވެ.
ނަމަވެސް ފުލުހުން ބުނީ، އޭނާ ދިރިއުޅޭތައް ބަލައިފާސްކުރުމުގައި ވެސް އަދި ހައްޔަރުކުރުމުގައި ވެސް، އޭނާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ ގޮތަކަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ބަލައިފާސްކުރުމުގައި ބިޑިވެސް އަޅުވާފައި ނުވާނެ ކަމަށެވެ.
އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލި މީހެކެވެ. "ސަން"އަށް އެނގިފައިވާ ހިމަންދޫގައި ދީނީ ހަރުކަށި ފިކުރު ފަތުރައި، އެ ރަށުގައި ވަކިވެގަނެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ" ކުރުމުގައި އޭނާ ބައިވެރިވެފައިވެ އެވެ.
ހިމަންދޫ މައްސަލައިގައި އަލިމަނިކު 2008 ވަނަ އަހަރު 10 އަހަރަށް ޖަލަށްލި ނަމަވެސް، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ފިލައިފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރު އޭނާ ޖަލުން ފިލައިގެން ގދ. ތިނަދޫގައި އުޅެނިކޮށް، އެ ރަށުން އޭނާ ހައްޔަރުކޮށްގެން މާލެ ގެންދަނިކޮށް އޭނާ ވަނީ ވ. ފެލިދުއާ ހިސާބުން ބޯޓުން ކަނޑަަށް ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފަ އެވެ.
ދެ ހާސް ދިހަ ވަނަ އަހަރުވެސް އޭނާ ޖަލުން ފިލި އެވެ. އެ އަހަރު އޭނާ ޖަލުން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކުރީ އޭގެ އަހަރެއް ފަހުން ތިލަފުށިންވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ ވަަރަށް ބޮޑަށް ސިފަ ބަދަލުކޮށްފައި ކަމަށް އޭރު ފުލުހުން ބުންޏެވެ.
އޭނާ ދޫވެފައި ހުރީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.