19 May 2021, 19:25
ޣައްޒާ (19 މޭ ): އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުން ގެންދަނީ ވަރަށް ވަރުގަދަ އިންޓެންސިވް ހަމަލާތަކެއް ކަމަށާއި މިއީ ފަލަސްތީނު މުޖާހިދުން ޣައްޒާގައި ބިނާކޮށްފައިވާ ބިންގަރާހުގެ ނެޓްވޯކް ތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއްޖެ އެވެ.
އެއްގަމު މަގުން ހަނގުރާމަ ކުރަން އިސްރާއީލު ސިފައިން ބިރު ގަންނާާތީ ބިންގަރާސްތައް ހަލާކުކޮށްލުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއްނޫން
އަލްޖަޒީރާގައި ވާހަކަ ދެއްކެވި އަސްކަރީ ބައެއް މުހައްލިލުންނާ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ބާރުގަދަ ބޮންތަކާއި ބާރުގަދަ މިސައިލްތަކެއް ބޭނުންކޮށްގެން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ފާއިތުވި ތިން ދުވަހުވަނީ ފާހަގަކޮށްލެވޭ ވަރަށް އިތުރުވެފައެވެ. އިސްރާއީލުގެ އަސްކަރީ ފައިޓާ ޖެޓްތަކުން މިއަދު ހެނދުނު ގާތްގަނޑަކަށް 25 މިނިޓު ތެރޭގައި ޣައްޒާއަށް 122 ހަމަލާދީފައިވެ އެވެ. މާޔޫސްވެގެން އިސްރާއީލުން ދޭ މިހަމަލާތަކަކީ މުޖާހިދުންގެ ބިންގަރާސްތަކަށް ކަމަށްބުނެ ދޭ ހަމަލާތަކެއް ކަމަށްވިޔަސް މުޖާހިދުންގެ ބިންގަރާސްތައް ހުރިތަންތަނާއި އެތަންތަންހުރި ދިމަދިމާއާއި ހުރި ފުންމިން އިސްރާއީލަށް ނޭނގޭކަން އިސްރާއީލުގެ އަމަލުތަކުންވަނީ ހާމަވެފަ އެވެ.
މިއީ މުޖާހިދުން ބަލިިކުރުމުގައި ލަދުގެންފައިވާ އިސްރާއީލު ލަދުން ސަލާމަތްވެވޭތޯ ހިންގާ ޖަރީމާތަކެއް
މި ހަމަލާތަކުގެ ބޭނުމަކީ މުޖާހިދުންގެ ޖަމާއަތްތައް ބަލިކުރުމުގައި ނާކާމިޔާބުވެ ލަދުގެންފައިވާ އިސްރާއީލު ލަދުން ސަލާމަތްވެ މުޖާހިދުންގެ މައްޗަށް ކޮންމެވެސް ކާމިޔާބެއް ހޯދޭތޯ ބެލުންކަމަށާއި ނަމަވެސް މުޖާހިދުންނާ އެއްގަމު މަގުން ކުރިމަތިލާން އިސްރާއީލު ސިފައިންނަށް ނުކެރޭތީ ބިންގަރާސްތައް ހަލާކުކޮށްލުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
މިހަލާތަކާ ގުޅިގެން އިސްރާއިލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމާސް ޖަމާއަތަށް އަމާޒުކޮށް ރެއާއި މިއަދު ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށާއި 25 މިނެޓު ތެރޭގައި 122 ބޮމާއި ރޮކެޓުން ހަމާސްގެ ބިންގަރާސްތަކަށް ހަމަލާ ދީފައިވާނެކަމުގަ އެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން ފަސް މީހަކު ޝަހީދުވެފައިވެ އެވެ. އަދި އިސްރާއީލުގެ ހަމަލާތަކާއެކު ޣައްޒާގެ ބައެއް ސަރަހައްދުތަކުންވަނީ ކަރަންޓުވެސް ކެނޑިފަ އެވެ.
ނަތަންޔާހޫ ވަނީ މުޖާހިދުން ބަލިކޮށްނުލައި ހަނގުރާމަ ހުއްޓާލަން ޖެހުމަކީ އިސްރާއީލަށް އޮތް ބިރެއްކަމަށް ސިފަކޮށްފައި
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ މުޖާހިދުން ބަލިކޮށްނުލައި ހަނގުރާމަ ހުއްޓާލަން ޖެހުމަކީ އިސްރާއީލަށް އޮތް ބިރެއްކަމަށް ސިފަކޮށް ކަންބޮޑުވާކަން ހާމަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ނަތަންޔާހޫ އާއި އޭނާއަށް ވާގިވެރިވާ އެމެރިކާ ފަދަ އިސްރާއިލުގެ އަނިޔާވެރިކަމަށް ހިއްވަރުދޭ ގައުމުތަކުން ގަބޫލުކުރަން ބޭނުންނުވާ ހަގީގަތަކީ މުޖާހިދުންނަކީ ޚުދު ފަލަސްތީނުގެ ރައްޔިތުންކަމެވެ.
މުޖާހިދުންގެ ޖަމާއަތްތައް އުފެދިފައިވަނީ ފަލަސްތީނުގެ އާދައިގެ ރައްޔިތުންގެ ތެރެއިންކަމެވެ. އަދި މިހާރުވެސް ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށްތަކާއި އަވަށްތަކުގައި މުޖާހިދުންނަށް ތާއީދުކޮށް މުޖާހިދުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށްކުރާ ޖިހާދަށް ހިއްވަރުދީ ފަލަސްތީނުގެ ފިރިހެނުންނާއި އަންހެނުންނާ އަދި ކުޑަކުދިން ޝުއޫރުތައް ފާޅުކުރެ އެވެ.
އިސްރާއީލުގެ ހަމަލާތަކަށްފަހު މުޖާހިދުންގެ ހަމަލާތައް އިސްރާއީލުގެ އަސްކަރީ ބޭސްތަކަށް
އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު ހަމާސްޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ އިސްރާއީލްގެ ދެކުނާއި މެދުތެރޭގައި ވާ އަސްކަރީ ބޭސްތަކާއި ސިފައިން ތިބޭ މަރުކަޒުތަކަށް ރޮކެޓް ހަމަލާތަކެއް ދީފަ އެވެ. ރޮކެޓް ހަމަލާތައް ދިން ތަންތަނުގެ ތެރޭގައި ހަޓޮޒް އަސްކަރީ ބޭސް އާއި ހަޓްޒެރިން އަސްކަރީ ކޭންޕާއި ނެވަޓިމް ކޭންޕާއި ޓެލް ނޮފް، ޕަލްމަޗިމް އަދި ރާމޮން ގެ ނަމުން ނަންދީފައިވަ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ. (އަލްޖަޒީރާ)