19 May 2021, 16:42
ކޮވިޑް 19 އަށް ޕޮޒިޓިވްވެގެން އަނެއްކާވެސް މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދު ކޮވިޑުގައު މަރުވި ހަތްވަނަ މީހާ އެވެ.
އެނގިފައިވާ ގޮތުން މަރުވެފައި ވަނީ މިއަދު މެންދުރު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ އަންހެނެކެވެ. އޭނާއަކީ އުމުރުން 62 އަހަރުގެ މީހެއްކަން އެނގިފައިވެ އެވެ. އިތުރު ތަފްސީލެއް އެކަމާ ގުޅިގެން އަދި ނުލިބެ އެވެ.
މިއަދު މެންދުރެއް ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި ތިބި ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި ހަމަ މިއަދު ލ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި ތިބި ދެ މީހަކުވެސް ވަނީ މަރުވެފަ އެވެ. އަދި މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 73 އަހަރުގެ މީހަކުވެސް ވަނީ މަރުވެފަ އެވެ.
ކޮވިޑް އިންތިހާއަށް މާލޭގައި ގިނަވެފައިވާއިރު ކޮވިޑުގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަ ވަމުންނެވެ. ޖުމްލަ 112 މީހަކު މިހާރު ކޮވިޑުގައި މަރުވެއްޖެ އެވެ.
ހެލްތް ކެއާ ސިސްޓަމަށް ބާރުބޮޑުވެ ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބައެއް ސިއްހީ ދާއިރާގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ބެޑްތައްވެސް ވަނީ ފުރިފަ އެވެ.