19 May 2021, 16:06
ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި ރޭ މާލެ އިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ހަރުކަށި ފިކުރު ފަތުރާތީ ހައްޔަރުކޮށްފައި ވަނީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލި އަބްދުﷲ އަލީމަނިކު އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ އަލިމަނިކަކީ ހިމަންދޫގައި ދީނީ ހަރުކަށި ފިކުރު ފަތުރައި، އެ ރަށުގައި ވަކިވެގަނެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ" ކުރުމުގައި ބައިވެރިވި މީހެކެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަކީ ޖިހާދުގެ ނަމުގައި ދިވެހީން ހަނގުރާމައަށް ރެކްރޫޓު ކުރުމާއި ހަނގުރާމައަށް ފޮނުވުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި ވަކިން ޖަމާއަތުގައި ނަމާދުކޮށް، ހަރުކަށި ފިކުރަށް މީހުން ލެންބުމަށް ކްލާސްތައް ބާއްވާ ކަމަށް ތުހުމަތު ކުރެ އެވެ.
ހިމަންދޫ މައްސަލައިގައި އަލިމަނިކު 2008 ވަނަ އަހަރު 10 އަހަރަށް ޖަލަށްލި ނަމަވެސް، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ފިލައިފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރު އޭނާ ޖަލުން ފިލައިގެން ގދ. ތިނަދޫގައި އުޅެނިކޮށް، އެ ރަށުން އޭނާ ހައްޔަރުކޮށްގެން މާލެ ގެންދަނިކޮށް އޭނާ ވަނީ ވ. ފެލިދުއާ ހިސާބުން ބޯޓުން ކަނޑަަށް ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފަ އެވެ.
ދެ ހާސް ދިހަ ވަނަ އަހަރުވެސް އޭނާ ޖަލުން ފިލި އެވެ. އެ އަހަރު އޭނާ ޖަލުން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކުރީ އޭގެ އަހަރެއް ފަހުން ތިލަފުށިންވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ ވަަރަށް ބޮޑަށް ސިފަ ބަދަލުކޮށްފައި ކަމަށް އޭރު ފުލުހުން ބުންޏެވެ.
އޭނާ ދޫވެފައި ހުރީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ މީހުންނަކީވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެ މައްސަލައާއި އަލީމަނިކާއި ގުޅުމެއް އޮތް ކަމެއް އެނގިފައި ނުވެ އެވެ.