އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ ލިސްޓުގައި ނަން އޮތް ފަރާތްތަކުގެ ތެރެއިން، ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވި ލިސްޓުގައި 282 މީހެއްގެ ނަން އޮތެވެ. އޭގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުން ވެސް ހިމެނެ އެވެ.

ހިޔާނާތުގެ މައްސަލަބެލި ޖޮއިންޓް ކޮމިޓީ އިން ނިންމީ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނޭ ފަރާތްތަކަކަށް ވާތީ، މި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށެވެ.

އޭގެ އިތުރުން، މިފަދަ ޖޮއިންޓް އިންވެސްޓިގޭޝައްްގެ ތަހުގީގަށް އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދުމަށް ވަނީ ފާސްކޮށްފަ އެވެ.

ތަހުގީގު ކުރިއަށް ދާއިރުވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާގައި ކުރިއަށް ދާއިރުވެސް ފައިސާގައި ޖެހިވާކަމަށް ކޮމިޝަނުން ތަހުގީގުކުރަމުންދާ މީހުން މަގާމުތަކުން ދުރުކުރުމަށް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރެވޭނީ އަމިއްލަޔަށް ވަކިވުމުން ނުވަތަ ޝަރުއީ ކޯޓަކުން ހުކުމެއް ކުރުމުން ކަމަށްވާތީ އެމީހުންގެ ތަހުގީގު އަވަސްކުރުމަށް ދެންނެވުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ރިޕޯޓުގައި ނަން ހިމެނޭ މެމްބަރުން ވޯޓުގައި ބައިވެރި ނުވޭ

ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ ވޯޓާއެކު އެވެ. ޖަލްސާގައި 58 މެމްބަރަކު ހާޒިރުވެތިއްބެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން ހަތް މެމްބަރަކު ޖަލްސާއަށް ހާޒިރުވެ ތިބި ނަމަވެސް، ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ. ލިސްޓުގައި ނަން އޮވެ، ރިޕޯޓު ފާސްކުރަން ވޯޓު ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު، އަލީ އާޒިމް އެކަންޏެވެ.

ލިސްޓުގައި ހިމެނި ވޯޓުގައި ބައިވެރިނުވި މެމްބަރުން:

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޕީޕީއެމް)

ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން (ޕީޕީއެމް)

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (ޕީއެންސީ)

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ޕީޕީއެމް)

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)

ވޯޓުގައި ބައިވެރި ނުވި އިތުރު މެމްބަރުން:

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް (އަމިއްލަ)

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (އަމިއްލަ)

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (އެމްޑީޕީ)

މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް (ޕީއެންސީ)

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް (އަމިއްލަ)

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް (އެމްޑީޕީ)