ގުދުސް (މެއި 19): ޣައްޒާއަށް ބޭރު ގައުމުތަކުން ފޮނުވާ އެހީ އެ ސަރަހައްދަށް ފޯރުކޮށްދޭން ބޭނުން ކުރާ ބޯޑަރު ސަރަހައްދު އިސްރާއީލުން އަނެއްކާވެސް ބަންދުކޮށްފި އެވެ.

އިސްރާއީލްގެ ކޯޑިނޭޓާ އޮފް ގަވަމެންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް (ސީއޯޖީއޭޓީ)އިން ކަރީމް އަބޫ ސަލީމް ބޯޑަރު ސަރަހައްދު އިއްޔެ ބަންދު ކުރިކަން އެންގީ އެ ސަރަހައްދު ވަގުތީ ގޮތުން ހުޅުވަން ނިންމިކަން އިއުލާން ކުރިތާ މާގިނަ އިރުތަކެއް ނުވެ އެވެ.

ސީއޯޖީއޭޓީން ބުނި ގޮތުގައި އެ މަގު ބަންދު ކުރަން ނިންމީ އެ ސަރަހައްދަށް އަމާޒުވި ހަމަލާއެއްގައި އިސްރާއީލްގެ ސިފައިންގެ މީހަކަށް އަނިޔާވުމުންނެވެ.

"ކަރީމް ޝަލޮމް މަގަށް ބޮންތަކެއް އަމާޒުވުމުން އެ މަގުން [އެހީ ފޯރުކޮށްދޭ] ޓްރަކްތައް ވަނުން ހުއްޓުވަން ވަނީ ނިންމާފަ،" ސީއޯޖީއޭޓީން ބުންޏެވެ.

ކަރީމް އަބޫ ސަލީމް ބޯޑަރު ސަރަހައްދާއި އެއްގަމު މަގުން ޣައްޒާ އާއި އިސްރާއީލާ ދެމެދު މީހުން ދަތުރު ކުރުމަށް ހުއްދަދޭ ހަމައެކަނި މަގު ކަމަށްވާ ބައިތު ހަނޫންވެސް ހުޅުވާލަން އދ.ގެ ރެފިއުޖީ އޭޖެންސީ އުނުރްވާއިން ވަނީ ގޮވާލާފަ އެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި އެހީ ފޯރުކޮށްދޭނެ މީހުން އެ ސަރަހައްދަށް ގެންގޮސްދެވޭނީ އޭރުން ކަމަށް ބުނެފަ އެވެ.

އިސްރާއީލުން މިދިޔަ ހަފްތާއިން ފެށިގެން ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުން ދަނީ އެ ސަރަހައްދުގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން މަގުމަތިވާ މީހުން ވަގުތީ ހިޔާތަކުގައި ތޮއްޖެހިގެން ތިބެން ޖެހުމުން ބަލީގެ ނުރައްކާ އިތުރުވާ ކަމަށް އުނުރްވާއިން ފާހަގަ ކުރި އެވެ.

އދ.ގެ އޮފިސް ފޯ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން ބުނި ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަަބަބުން ޣައްޒާއިން އެއްކޮށް ސުންނާފަތިވި ނުވަތަ ބޮޑެތި ގެއްލުންތައް ލިބުނު އިމާރާތްތަކުގެ އަދަދު މިހާރު 450އަށް އަރަ އެވެ. އަދި ފަލަސްތީނުގެ 52،000އަށް ވުރެ ގިނަ މީހުން މަގުމަތިވެފައިވާ އިރު 47،000 ވަރަކަށް މީހުން ވަނީ އދ.އިން ހިންގާ 58 ސްކޫލަކުން ހިމާޔަތް ހޯދާފައި ކަމަށް އެ އިދާރާއިން ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ޣައްޒާގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއިލުން ދޭ ހަމަލާތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ގޮވާލާފަ އެވެ.