މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހު، ދޯންޏެއްގެ ތެރޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މަރާލާފައި ވަނީ ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތްކުރަމުން ދިޔަ ބަނގްލަދޭޝް މީހެކެވެ. އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުރަނީ، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

ދޯނި ތެރޭގައި ދެ ބިދޭސީންގެ ދެމެދުގައި މާރަމާރީ ހިނގީ ދަންވަރު އެވެ. މާރަމާރީގައި ޒަހަމްވި މީހާ މަރުވީ އޭނާ އަށް ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހުގެ ހެނދުނެވެ.