މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މިދިއަ ބުދަ ދުވަހު ހިންގި ގެއްލުން ދިނުމުގެ ހާދިސާތަކާ ގުޅިގެން އަމާންކަން ގެއްލި ދަރިވަރުންގެ ސަލާމަތާމެދު ސުވާލު އުފެދުމުން ހުއްޓައިލި އިތުރު ހަރަކާތްތައް އަނެއްކާވެސް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެއާއި އައްޑޫ ސިޓީ އަދި ގދ. ތިނަދޫ ފަދަ ރަށްރަށުގައި ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ބުރާސްފަތި ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑައިލި ކަމަށާއި އެއީ ދަރިވަރުންނަށް އަމާންކަމާއެކު މަގުތަކުގައި އުޅެވިދާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.

މިނިސްޓްރީން ބުނީ އިތުރު ހަރަކާތްތައް ހިންގަން މިނިސްޓްރީގެ ފަރާތުން މިހާރު ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް އެ ސުކޫލެއްގެ ޕްރިންސިޕަލަށް އެ ސަރަހައްދެއް އަމާންވެފައިވާ ކަމަށް ފާހަގަ ނުވާނަމަ އަދިވެސް އިތުރު ހަރަކާތްތައް ނުފަށާ ލަސްކުރެވިދާނެ ކަމަށެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސަރުކާރު ބަދަލުވުމަށްފަހު އެ ދުވަހު މާލޭގެ ސުކޫލުތަކުގެ މެންދުރު ސެޝަންތަކުގެ ކިޔެވުން ނުބާއްވާ ވަނީ ކެންސަލް ކޮށްފަ އެވެ. އަދި ޖެހިގެން އައި ދުވަހު ރާއްޖޭގައި އެކި ރަށްރަށުގައި މުޒާހަރާކޮށް ހަމަނުޖެހުންތައް ހިންގުމާ ގުޅިގެން ވަރަށް ގިނަ ސުކޫލްތަކެއްގެ ކިޔެވުމަށް ބުރޫއެރި އެވެ. މިދިއަ ބުރާސްފަތީގައި އަމީނިއްޔާ ސުކޫލުގައި ވަނީ ބާރުގަދަ އެއްޗެއް ގޮއްވާލާފަ އެވެ.