19 May 2021, 13:38
ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވެ ވަރަށް ބޮޑަށް ބަލި ފެތުރޭތީ، ވަސީލަތްތައް ގާއިމުކުރުމަށާއި، އިޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލުމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި އެވެ.
މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، މީހުން މަރުވާ އަދަދާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން އިތުރުވަމުން އަންނަ އިރު، ބަންދުކުރަންޖެހޭ ރަށްތައް ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.
އަތޮޅުތަކުން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތް ކަމާއި، ނަތީޖާ ނުލިބި ލަސްވާކަމާއި ކޮވިޑު ފަރުވާއަށް ނުކުމެ ތިބި ސިއްހީ ހިދުމަތްތެރިން ވަރުބަލިވެފައިވާކަން މެމްބަރު ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ސިއްހީ ހިދުމަތްތެރިން ވަރުބަލިވެއްޖެ ނަމަ، ފަރުވާގެ ކަންކަން ލަސްވެދާނެ ފަދަ ހާލަތަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ފާޅުކުރަމުން ދާކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާ ކުރަންޖެހޭ މިންވަރު އިތުރުވެ، ހޮސްޕިޓަލްތަކާއި ކޮވިޑް ސެންޓަރުތަކުގެ ބެޑް ކެޕޭސިޓީ އާއި އިންސާނީ ވަސީލަތް މަދުވެ، ބައްޔަށް ޕޮޒިޓިވްވަމުންދާ ފަރާތްތަކަށް އެޓެންޑު ނުކުރެވި، ފަރުވާ ލަސްވެ، ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.
އަދި ވެކްސިން ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ނުދާތީ އާއި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދެވަނަ ޑޯޒް ނުޖެހި އެތައް ބަޔަކު ތިބިކަން ވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
އެހެންކަމުން ކޮވިޑް19 އާއި ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް އިތުރު ވަސީލަތްތައް ގާއިމުކުރުމަށާއި އިތުރަށް ބޭނުންވާ އިންސާނީ އިތުރު ވަސީލަތް ހޯދައިދީ އަދި އިޖާބީ މަސައްކަތްތައް އަވަސްކޮށް، ފިޔަވަޅުތައް ހަރުދަނާކުރަން މެމްބަރު ގޮވާލެއްވި އެވެ.
ހަމައެއާއެކު، ކޮވިޑް މެނޭޖުކުރުމާއި ވެކްސިން ޖެހުމުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުން އަވަސްކުރަން ސަރުކާރަށް ގޮވާލަން މެމްބަރު ވަނީ މައްސަލައިގައި އެދިފަ އެވެ
ނަމަވެސް އެ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ނެގި ވޯޓުގައި، ގިނަ މެމްބަރުން ވޯޓު ދެއްވީ، މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ. މައްސަލަ ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 33 މެމްބަރުންގެ ތެރެއިން 18 މެމްބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.
ޖަލްސާއަށް ހާޒިރުވި ނަމަވެސް، އެ ވޯޓުގައި އެމްޑީޕީގެ ހަ މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީ ދެކުނު މެމްބަރު ޖަމްޝީދު މުހައްމަދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ. އަދި އެމްޑީޕީގެ ތިން މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.
މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ:
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އެމްޑީޕީ)
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު (އެމްޑީޕީ)
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް (އެމްޑީޕީ)
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް (ޕީއެންސީ)
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (އެމްޑީޕީ)
ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން (ޕީޕީއެމް)
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު (އެމްޑީޕީ)
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (ޕީއެންސީ)
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ (އެމްޑީޕީ)
މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން (އެމްޑީޕީ)
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ޕީޕީއެމް)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)