ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ތިން މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 51 އަހަރުގެ އިންޑިއާ ފިރިހެނަކާއި، 63 އަހަރުގެ ދިވެހި އަންހެނެކާއި ދިވެހި ފިރިހެނެކެވެ.

އެއާއެކު މިއަދު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ ހަޔަކަށް އަރައިފަ އެވެ. އަދި މި ބަލީގައި މުޅި ރާއްޖެއިން މަރުވި އަދަދު 111 އަށް އެރީ އެވެ.

ކޮވިޑް ޖެހިގެން ލ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެމީހަކު ވެސް ރޭ ދަންވަރު ވަނީ މަރުވެފަ އެވެ. އަދި މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރަށް ގެންދިޔަ މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ރޭ ދަންވަރު 1:54ގައި މަރުވެފައި ވަނީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ރޭ 3:01 ގައި މަރުވެފައި ވަނީ 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ހެނދުނު 7:25ގައި އައިޖީއެމްއެޗް އީއާރަށް ގެނައިތަނުން މަރުވެފައި ވަނީ 73 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މެއި މަހަކީ ރާއްޖޭގައި ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހުގެ މިހާތަނަށް، ރާއްޖެއިން ކޮވިޑް ޖެހިގެން 37 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިިޑްގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް 18،221 މީހުން މިވަގުތު ތިބި އިރު، އޭގެ ތެރެއިން 268 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.