އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޢައްޒާ އަލުން އާރާސްތު ކުރުމަށް މިސްރުން 500 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

މިހާރުވެސް ފަލަސްތީނުގައި ޒަޙްމް ވެފައިވާ މީހުން އެމްބިއުލެންސްތަކުގައި ގެނެސް މިސްރުގެ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ އިރު، މިސްރުގެ ރައީސް އަބްދެލް ފައްތާހް އަލް ސީސީ ރޭގެ ވަގުތެއްގައި ވިދާޅުވީ ފަލަސްތީނަށް ލިބެމުންދާ ގެއްލުމަކީ ފޫނުބެއްދޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. އެހެން ނަމަވެސް ހާއްސަކޮށް ހަމަލާތަކުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ޢައްޒާ އަލުން އާރާސްތު ކުރުމަށް މިސްރުން އެހީތެރިވާން ތައްޔާރު ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ޢައްޒާއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ އަލުން އެތަން އާރާސްތު ކުރުމަށް މިސްރުން އެހީތެރިވާނެ. އެގޮތުން 500 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދޭނަން. އަދި އާރާސްތުގެ މަސައްކަތަށް މިސްރުގެ ކުންފުނިތަކާއި، މަސައްކަތްތެރިންގެ އެއްބާރުލުން ވެސް ލިބޭނެ." މިސްރުގެ ރައީސް އަބްދެލް ފައްތާހް އަލް ސީސީ ވިދާޅުވި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިސްރާއިލުގެ އަސްކަރިއްޔާއިން ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން އިސްލާމީ ގިނަ ގައުމުތަކަކުން އެކަން ކުށްވެރިކޮށްފައިވާ އިރު، މި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މިސްރުން ވަނީ މިފަހުން އިސްރާއިލަށް ގޮވާލައިފަ އެވެ.

ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި އެކަނި ވެސް އިސްރާއިލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށްވުރެން ގިނަ މީހުން ޝަހީދުވެފައިވާ އިރު، 1000 އަށްވުރެން ގިނަ މީހުން ވަނީ ޒަޙަމްވެފަ އެވެ.

ހަމަލާތަކުގައި ޒަޙަމްވެފައިވާ ގިނަ އަދަދެއްގެ މީހުން ތިބި އިރު، ޢައްޒާގެ ހޮސްޕިޓަލުތައް މިހާރުވަނީ ފުރިފަ އެވެ. އަދި އަނެއްކޮޅުން ހޮސްޕިޓަލުތަކުގައި ދެވެން ހުރި ފަރުވާތައް ލިމިޓްވެ، ވެންޓިލޭޓަރާއި، އޮކްސިޖަން އަދި ސިރިންޖް ފަތަ ތަކެތި ހުސްވާން ގާތްވުމާ އެކު މިސްރުން މިފަހުން ވަނީ 60 ޓަނުގެ ސިއްހީ އާލަތްތައް ޢައްޒާއަށް ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން ފަލަސްތީން - މިސްރުގެ ބޯޑަރު ހުޅުވާލައި 50 އަށް ވުރެން ގިނަ އެމްބުއަލަންސް މިހާތަނަށް ވަނީ ޢައްޒާގެ ހޮސްޕިޓަލުތަކުން މިސްރުގެ 11 ހޮސްޕިޓަލަކަށް ބަލި މީހުން އުފުލައިފަ އެވެ. އެގޮތުން މިސްރުގެ ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަކޮށް 1800 އެނދު ހޮޮސްޕިޓަލުތަކުން ހުސްކުރުމަށް އަންގައިފަ އެވެ.