12 Feb 2012, 15:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ހިނގަމުންދާ ސިޔާސީ ހަމަލާ ބަދަލުކުރުންތަކާ މެދު ބަހުސް ކުރުމަށް ކޮމަންވެލްތުގެ މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުމެއް ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ބާއްވާނެ ކަމަށް ކޮމަންވެލްތާ ހަވާލާދީ ބީބީސީން ބުނެފި އެވެ.
ބީބީސީ ބުނީ ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް ]ސީއެމްއޭޖީ[ގެ ޓެލެކޮންފަރެންސެއް ބޭއްވުމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ގޮވާލައްވާފައިވާ ކަމަށެވެ.
ކޮމަން ވެލްތުގެ މެމްބަރު 54 ގައުމުގެ ތެރެއިން ނުވަ ގައުމެއްގެ މައްޗަށް އެކުލެވޭ މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ މެމްބަރުންގެ ޓެލެކޮންފަރެންސެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެބައްދަލުވުން ބާއްވަނީ ރާއްޖޭގައި ވެރިކަމުގެ ބާރުތައް ބަދަލުކުރި ގޮތާ މެދު ބަހުސްކުރުމަށް ކަމަށް ރޮއިޓާސްއާ ހަވާލާދީ ބީބީސީ ބުންޏެވެ.
"ބާރުތައް ބަދަލުކުރުމާ ގުޅިފައިވާ ކަންތައްތަކާ މެދު ބަހުސްކުރުމަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ޓެލެކޮންފަރެންސެއް ބާއްވާނެ ކަމަށް މިހާރު ރާއްޖެ ގޮސް އުޅޭ ކޮމަން ވެލްތުގެ ފަރާތުން ވާހަކަ ދެއްކެވި އަކުބަރު އަކުބަރު ޚާން ވިދާޅުވި ކަމަށް ރޮއިޓާސް ބުންޏެވެ، " ބީބީސީގެ ހަބަރުގައިވެ އެވެ.
ސީއެމްއޭޖީ އަކީ ކޮމަންވެލްތުން ގައުމުތައް ސަސްޕެންޑް ކުރުމުވެ ބާރު ލިބިފައިވާ ގްރޫޕެއް ކަމަށް ވެސް ބީބީސީ ބުންޏެވެ.
ބީބީސީން ބުނީ ކޮމަންވެލްތުން މިހާ އަވަސް ފިޔަވަޅުތަކެއް އަޅަނީ ކުރީގެ ރައީސް ނަޝީދާއި ޑރ. ވަހީދުއާ ދެމެދު ދެބަސްވުންތައް އިތުރުވެފައި ވާތީ ކަމަށެވެ.
އިންތިހާބެއް އަވަހަށް ބާއްވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ޑރ. ވަހީދު ވިދާޅުވަނީ އިންތިހާބު ބާއްވާނީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް 2013 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.
އިންޑިޔާ އާއި އެމެރިކާ ފަދަ ގައުމުތަކުން މިހާރު ވަނީ އާ ސަރުކާރު ބަލައިގަންނަ ކަމަށާއި އެސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރެކާ އިން ބުނެފައި ވަނީ މިވަގުތު އިލެކްޝަނެއް ބޭއްވުމަށް ހާލަތު ތަން ނުދޭ ކަމަށެވެ.