ލަންޑަން (މެއި 19): އިނގިރޭސިވިލާތުގެ ސަރުކާރުން ސިއްހީ މަސައްކަތްތެރިންނާ މެދު އަމަލު ކުރާ ގޮތާ މެދު ނުރުހި، ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ފަރުވާ ދިން ނަރުހަކު އެގައުމުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)އިން އިސްތިއުފާ ދީފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ބޮޑުވަޒީރު ޖޯންސަންއަށް ކޮވިޑް-19 ޖެހިގެން ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގެ އައިސީޔޫގައި ބޭއްވި އިރު އޭނާއަށް ފަރުވާ ދިން ނަރުހުންގެ ތެރޭގައި ހިމެނުނު ޖެނީ މެކްގީ ބުނި ގޮތުގައި، އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނަށް ހައްގު އިހުތިރާމެއްވެސް މުސާރައެއްވެސް ނުލިބެ އެވެ.

"އަޅުގަނޑުމެންނަށް ލިބުން ހައްގު އިހުތިރާމެއްވެސް މުސާރައެއްވެސް ނުލިބޭ. އެހެންވެ އަޅުގަނޑު އިސްތިއުފާގެ ސިޓީ ހަވާލުކޮށްފިން،" މެކްގީ ބުންޏެވެ.

އިނގިރޭސިވިލާތުގެ ޗެނަލް 4އިން އުފައްދާ ޑޮކިއުމެންޓްރީއެއްގައި ވާހަކަ ދައްކަމުން މެކްގީ ބުނި ގޮތުގައި އެގައުމުގެ ސަރުކާރުން ކޮވިޑް ބަލިމަޑުކަމާ ކުރިމަތިލި ގޮތާ މެދު ގިނަ ނަރުހުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ގޮތް ނިންމުމުގައި ފަސް ޖެހުމާއި އެކި ފަހަރު އެކި މެސެޖުތައް ދިނުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ނޫހެއްގައިވާ ގޮތުން މެކްގީ ސަރުކާރަށް ފާޑު ކިޔާފައި ވަނީ، އެންއެޗްއެސްގެ މުވައްޒަފުންގެ މުސާރަ މިހާރަށްވުރެ އެއް ޕަސެންޓު އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅުމުންނެވެ. އެ ހުށަހެޅުމާ ގުޅިގެން ގިނަ އަދަދެއްގެ ނަރުހުން ވަނީ އެއީ މާ ކުޑަ މިންވަރެއް ކަމަށް ބުނެ، ހަޅުތާލު ކުރާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

މެކްގީގެ ފާޑު ކިޔުމަށް ބޮޑުވަޒީރުގެ އޮފީހުން ރައްދު ނުދޭ ނަމަވެސް އެ އޮފީހުން ވަނީ އެންއެޗްއެސްގެ މުވައްޒަފުންނަށް އެހީވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފަ އެވެ.