12 Feb 2012, 15:22
ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ތަންތަނަށް ގެއްލުން ދިންއިރު އައްޑު އަތޮޅު ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ޕޮލިސް އެކޮމޮޑޭޝަނާއި ގަން ޕޮލިސް ސްޓޭޝަނަށް އަންދާލި އެވެ. ގެއްލުން ބޮޑު އެ ހާދިސާއަށް ފަހު ބޮޑު އެ އާބާދީގައި ހިދުމަތް ދޭނެ ފުލުހުންނެއް ވެސް ތަނެއް ވެސް ނެތެވެ، އެކަމަކު ފުލުހުންގެ ޔުނީފޯމާއި ފުލުހުންނަށް ހާއްސަ އާލާތައް ހިފައިގެން އާންމުން ނުކުމެ އެބައުޅެ އެވެ.
އައްޑޫ ސިޓީގެ ފުލުހުންގެ ސެންޓްރަލް ކޮމާންޑަރު ސުޕްރިންޓެންޑެންޓް ޔޫނުސް ސަބާހު މިއަދު ވިދާޅުވީ ބުދަދުވަހު އައްޑޫގައި ހިނގާ ދިޔަ ހާދިސާތަކަށްފަހު ފުލުހުންގެ ޔުނީފޯމުތަކާއި ބައެއް އާލާތް ބަޔަކު ވަގަށް ގެންގޮސް ޔުނިފޯމް އަޅައި އެ ތަކެތި ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ ޔުނީފޯމް ތައް ވަގަށް ނަގާފައިވާކަމަށް ބައެއް ރިޕޯޓްތައް އެބަލިބޭ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި ފުލުހުންގެ ޔުނީފޯމްގައި އާއްމުން ހަރަކާތްތެރިވާކަމަށް،" ޔޫނުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދުވަހުގު ހާދިސާތަކުގައި ފުލުހުންގެ މަރުކަޒު ތަކުން ގެއްލުނު ބައެއް ސާމާނު ރަށުތެރެން ފެނުނެވެ. އަދި އެފަދަ ބައެއް ސާމާނު ހިފައިގެން އާއްމުން ބިރުގެންނެވުމުގެ ގޮތުން ރަށުތެރޭގައި ބަޔަކު މީހުން ހަރަކާތްތެރި ވަމުންދާ ކަމުގެ މައުލުމާތުތައް ލިބެ އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް އެއްވެސް މީހަކު ފެނިފައެއްނުވޭ ސީދާ ޔުނީފޯމްގައި ހަރަކާތްތެރި ވަނިކޮށެއް. އަދި މީހަކު ހައްޔަރު ކޮށްފައެއްވެސް ނުވާނެ. މިހާރުވެސް އެބަ މަސައްކަތްކުރަން އެފަދަ ފަރާތްތައް ހޯދޭތޯ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ޔުނީފޯމް އަޅައިގެން އުޅޭ ބަޔަކު ރަށުތެރޭގައި އުޅޭ އިރު އައްޑޫގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންގެ އައިޑެންޓިޓީ ގެއްލިފައިވުމާއެކު އެއީ ކޮންކޮން ބައެއް ކަން ދެނެގަންނަށް ވެސް މިވަގުތު އުނަދަގޫވާނެ ކަމަށް ވެސް ޔޫނުސް ވިދާޅު ވިއެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މަރުކަޒުތަކާއި ފުލުހުން ގެންގުޅޭ ތަކެތި އަންދާލައި ވަގަށް ނެގުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ދޭންޖޭހޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ދެވޭނެ ގޮތެއް ނެތް ކަމަށާއި މިހާރު މަސައްކަތްކުރަނީ ދެވެން އޮތް މިންވަރަކުން ހިދުމަތްތައް ދިނުމަށް ކަމަށެވެ.
ހަމައެކަނި އަލީގެ ނަމުގައި އެނގެން ބޭނުން އައްޑޫ މީހަކު މިއަދު ބުނީ ހުޅުޖަހައި ތަންތަނަށް ގެއްލުންދިން ހާދިސާއަށްފަހު އެރަށުގެ މީހުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި މިހާރު އެންމެ ބޮޑު ބިރަކީ ބައެއް ޒުވާނުން ފުލުހުންގެ ޔުނީފޯމްގައި ގޭގެއަށްވަދެ، ބައެއް ސުވާލުތައް ކުރާ ކަމަށް ރަށުތެރޭގައި ވާހަކަ ފެތުރިފައި އޮތުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރަކު ޔަގީންކަމެއް ނޯންނާނެ ޔުނީފޯމްގައި އަޔަސް އެމީހުންގެ[ފުލުހުންގެ] ކާޑް އަތުގައިނެތްހާ ހިދަކު އެއީ ފުލުހެއް ކަމެއް. ރަށުގައި ހިނގައިދިޔަ ހާދިސާތަކަށް ފަހު އަދިވެސް މިރަށުގެ މީހުންތިބީ ބިރުވެރިކަމެއްގެ ތޭރަގައި،" އެމީހާ ބުންޏެވެ.
ދިގު ދެމިގެންދިޔަ މުޒާހަރާތަކަކަށްފަހު މިދިއަ އަންގާރަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ވެއްޓުމާއެކު ޖެހިގެން އައި ބުދަ ދުވަހާއި އެ ދުވަހުގެ ރޭ އެމްޑީން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މުޒާހަރާކޮށްފައިވާއިރު އެދުވަހު ވަނީ ހަމަނުޖެހުންތައް ހިންގާ ތަންތަނަށާއި އާންމުންނަށާއި މުދަލަށް ގެއްލުންދީފަ އެވެ.
މި ގެއްލުންތަކުގެ ތެރޭގައި އައްޑު އަތޮޅު ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހިތަދޫގައި ހުންނަ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތާއި ގަން ޕޮލިސް ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ދީ ވަނީ އެތަންތަނުގައި ހުޅުޖެހިއެވެ. އޭގެ އިތުރުން ފުލުހުން ބޭނުން ކުރާ ކޮމްޕިއުޓަރުތަކާއި ބައެއް ފުލުހުންގެ ލެޕްޓޮޕްތަކުގެ އިތުރުން ފުލުހުން ގެންގުޅޭ ބައެއް ސާމާނު ވަގަށް ގެންދިޔަ އެވެ.