18 May 2021, 16:38
މުމްބާއީ (މެއި 18): އިންޑިއާގެ ހުޅަނގު ފަރާތަށް އަރަމުންދާ ތޫފާން ތައުތޭގެ ސަބަބުން 21 މީހަކު މަރުވެ، 90އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ އެވެ.
އިންޑިއާގެ ގުޖުރާތަށް އިއްޔެ އަރަން ފެށި ތޫފާނުން ގަޑިއަކު 185 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގަސްތަކާއި ކަރަންޓު ލައިނާއި ފޯނު ޓަވަރުތައް ވެއްޓިފައިވެ އެވެ. އަދި އޭގެ އަސަރު މަހާރަޝްތުރާއަށްވެސްކޮށް، މުމްބާއީ ކައިރީ އޮތް ބާޖެއް ވަނީ އަޑިއަށްގޮސްފަ އެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި އަޑިއަށް ދިޔަ ބާޖުގައި ތިބި 273 މީހުންގެ ތެރެއިން 96 މީހަކު ވަނީ ގެއްލިފަ އެވެ. އަދި ބާކީ ތިބި މީހުން މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ.
ތޫފާން ތައުތޭ އަކީ 1998ގެ ފަހުން ގުޖުރާތަށް އަރާ އެންމެ ބާރުގަދަ ތޫފާނެވެ. ނަމަވެސް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ އެ ތޫފާނުގެ ބާރު މިހާރުވެސް ދަށްވެ، ދެންވެސް ބާރު ދެރަ ވަމުންދާނެ ކަމަށް ބުނެފަ އެވެ.
އެ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން، ތޫފާން މިސްރާބު ޖަހާފައިވާ ސަރަހައްދުތަކުން ގާތްގަނޑަކަށް ދެ ލައްކަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
އިންޑިއާއަށް ބާރުގަދަ ތޫފާނެއް އަރަމުން ދަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެފައިވަނިކޮށެވެ. އަދި ބަލީގައި ދުވާލަކަށް 4،000 އަށް ވުރެ ގިނަ މީހުން މަރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެހެންކަމުން ތޫފާން އެރުމުގެ ކުރިން، ގުޖުރާތާއި މަހާރަޝްތުރާގެ ހޮސްޕިޓަލްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އެވެ. އެގޮތުން އައްސޭރިފަށާ ކައިރީގައި ހުރި ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުން ރައްކާތެރި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވެ އެވެ.
މީގެ އިތުރުން އޮކްސިޖެން ކާރުހާނާތަކާއި ކޮވިޑަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލްތަކުން ކަރަންޓު ނުކެނޑޭނެކަން ޔަގީން ކުރުމަށް ހާއްސަ ފިޔަވަޅުތައް އެޅި އެވެ. އެގޮތުން ގުޖުރާތުގެ އައްސޭރިފަށާ ކައިރީގައި އޮންނަ އަވަށްތަކުގައި ހުރި 1،000އަށް ވުރެ ގިނަ ހޮސްޕިޓަލަށް ޖެނެރޭޓަރުތައް ދީފައިވާ ކަމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވިދާޅުވި އެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 25.2 މިލިއަނަށް އަރާ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 279،000 އަށް ވުރެ އިތުރުވެފަ އެވެ.