12 Feb 2012, 15:17
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އާ ސަރުކާރު ގަބޫލު ނުކުރާ ކަމަށާއި ދެ މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށް ގޮވާލައި މާލޭ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލުން ހޮނިހިރު ދުވަހުގެ ތާރީހުގައި ނެރެފައިވާ ގަރާރުގައި ބުނަނީ ޑރ. ވަހީދުގެ ސަރުކާރުގެ އެންމެހާ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ މިހާރުން މިހާރަށް ޙަވާލުކޮށް، ދެ މަސް ދުވަހުގެ ތެރޭގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް މަގުފަހިކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
"... ޤާނޫނު އަސާސީއާ ޚީލާފަށް ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް އަމިއްލަފުޅަށް އިސްވެ ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަތްޕުޅަށް، އަމިއްލަފުޅަށް ނަންގަވާފައިވާ އެންމެހާ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި މިހާރުން މިހާރަށް ޙަވާލު ކުރައްވައި ދެ މަސް ދުވާހުގެ ތެރޭގައި މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލަމެވެ،" ގަރާރުގައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ގަރާރުގައި ރައްޔިތުންގެ ވޯޓުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އަށް މަޖުބޫރުކޮށް، އާންމު ފަރާތްތަކެއް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒާއި ޖުމުހޫރިއްޔާގެ އޮފީސްތެރެ އަށް ވަދެ 7 ފެބަރުއަރީގައި ހިންގީ ބަޣާވާތެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ގަރާރުގައި ބުނަނީ 7 ފެބްރުއަރީގައި ސަރުކާރާ ދެކޮޅަށް ހިންގީ ބަޣާވާތެއް ކަމަށާއި އެ"...ޖަރީމާ ހިންގުމުގައި އިސްވެ ތިބި ކަމަށް ފާހަގަ ކުރެވޭ ފަރާތްތައް މާލޭ ސިޓީ ކައުންސިލަށް ހާޟިރުކޮށް ސުވާލު ކުރުމަށް ނިންމާ" ކަމަށެވެ. ---
ހުސްނާ އަބްދުﷲ