މީހުންނަށް ލާދީނީ ގޮވައި, އެ މިހުންނަކީ އިސްލާމް ދީނުގެ ބައެއް ނޫން ކަމަށް ބުނުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށް މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މީހުންގެ ލޭ ހުއްދަކުރަން ގޮވާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި, މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން, އިންތި ވިދާޅުވީ, ކުރީގެ އުނގޫފާރު ދާއިރާ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުالله ގެއްލުވާލުމާއި ބްލޮގާ ޔާމީން ރަޝީދު މަރާލުމާ ހަމައަށް ކަންކަން ދިޔައީ, އެ ތިން މީހުންނަކީ ވެސް ލާދީނީ ބައެއް ކަމަށް ގޮވައި, ނަފްރަތު އުފައްދައިގެން ކަމަށެވެ. ހަމަ އެގޮތަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރި ހަމަލާއަކީ, އެ މޭރުމުން ބަސްމަގު ގެންގޮސް އަމާޒުވި ހަމަލާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަސް މަގު އެގޮތަށް ގެންދިޔަ ގެންދިޔުމާ ހަމައަށް އެގްޒިކިއުޝަނާ [މީހުން މެރުމާ] ހަމައަށް އެ ގެންދަނީ. ނުރައްކާތެރި ކަމެއް, މި މުޖަމަތައުގައި އޮތް ކަމެއް," އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ, ސިޔާސީ މަގާމުގައި ހުންނަ މީހަކަށް އަމާޒުކޮށް, ސިޔާސީ ގޮތުން ދައްކާ ވާހަކަ އާއި ދިނުގެ ނަމުގައި ނަފްރަތު އުފެއްދައިގެން ވާހަކަ ދެއްކުމަކީ ދެ ކަމެއް ކަމަށެވެ. އޭގެ ފަރަގު އެންމެން ދަންނަން ޖެހޭ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އަދި ދީން ބޭނުންކޮށްގެން ދީނުގެ ނަމުގައި ނަފްރަތު އުފައްދައިގެން އަނެއްކެއްގެ ފުރާނަ ދުއްވާލުމަށް މަގުފަހިވާ ގޮތަށް ޖާގަ ދިނުމަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައި ނުގަނެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގާނޫނުތަކުން ވެސް އެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެއީ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ދީނީ އެއްބަވަންތަކަމުގެ ގާނޫނަށް ބަލައިފި ނަމަ, ރައްޔިތުންނާ ދިމާލަށް އިނގިލި ދިއްކޮށްފައި އެއީ ކާފަރެކޭ, މިއީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އަމިއްލަ ހުކުމްތަކެއް ނުރެވޭނެ. އަމިއްލައަށް ހުކުމްތައް ނެރެގެން މީހުން ގަތުލުކުރުމަށް ނުގޮވޭނެ, އެއީ ކުށެއް," އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މިހާރު ހުރި ގާނޫނުތަކުން ވެސް އެއީ ކުށެއް ކަމަށްވާ އިރު, އެފަދަ ކަންކަންކަމަށް ސަރުކާރުން ފިޔަޅު އަޅަން ޖެހޭނެ ކަމަށެވެ.

"ސަރުކާރުން މިކަމާ މެދު ސަމާލުވެ އޮންނަން ޖެހޭނެ. ފިޔަވަޅު ނޭޅުމަކީ އެއީ ފެއިލިއާއެއްގެ ގޮތުގައި އަޅުގަނޑު ދެކެން," އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި, ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނާއި ކޮލެޖްތަކުގައި ކިޔަވައި ދިނުމަށް ތިބޭ މީހުން ވެސް ފާޅުގައި ސޯޝަލް މީޑިއާގައި ނަފްރަތު އުފައްދަމުންދެ އެވެ. އެހެން ނަމަވެސް އެ މީހުންނަށް ފިޔަވަޅު ނޭޅޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ނުތިބެވޭނެ އެ މަގާމުތަކުގައި. ގަޓު ހުންނަން ޖެހޭނެ, ވަކިކުރެވެން ޖެހޭނެ އެޒާތުގެ މީހުން. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނާއި ރައްޔިތުންގެ ފުރާނައަށް ނުރައްކާވޭ މިކަމާ. ސީދާ މި ހޭޓް ސްޕީޗުން މަޖިލިސް ރައީސަށް އެއޮތީ އަވަހާރަކޮށްލުމަށް ހަމަލާ ދީފައި," އިންތި ވިދާޅުވި އެވެ.

"ރައީސް ނަޝީދަކީ ލާދީނީ މީހެއްކަމަށް ކަމަށް ގޮވައި, އެމަނިކުފާނު އަވަހާރަކޮށްލުމަށް ހަމަލާ ދީފައި ވަނީ. މަނާ ވެގެންވާ ކަންކަން މިއީ. މިކަމެއް ނުކުރެވޭނެ. ރާއްޖޭގައި އެ ޖާގަ ދެވިގެން ނުވާނެ," އިންތި ވިދާޅުވި އެވެ.

އެއް ދީނީ އިލްމުވެރިޔަކު އަނެއް އިލްމުވެރިޔަކަށް ވެސް ކާފަރުކޮށް, އެއީ އިސްލާމް ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނަމުންދާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އެއީ އަމިއްލައަށް މީހުންނަށް ނިންމޭނެ ކަންކަން ނޫން ކަމަށް އިންތި ވިދާޅުވި އެވެ.

"އަޅުގަނޑުމެންކީ ކޮން ބައެއްތޯ އެހެން މީހުން ކާފަރުންނަށް ހަދުން, ލާދިނީ ބައަކަށް ހަދަން. އަޅުގަނޑުމެން އިސްލާމީ ކަންމަތީ ތިބުމުގެ މިސާލަކީ, އަޅުގަނޑުމެން ނަހަދާނަން އެއިން އެއްވެސް މީހަކު ކާފަރަކަށް. އެކަމަކު އެއް އިލްމުވެރިޔަކު އަނެއް އިލްމުވެރިޔަކު ފާޅުގައި ހަމަ ކާފަރަކަށް ހަދާ," އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ, ނަފަރަތު އުފެއްދުމުގެ ގޮތުން ވާހަކަ ދައްކައި ހެދުމަށް ރާއްޖޭގައި ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން މީހުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް އެޓާނީ ޖެނެރަލް އޮފީހުން މިހާރު ވަނީ ރައީސް އޮފީހަށް ބިލެއް ވެސް މަޖިލީހަށް ފޮނުވާފަ އެވެ.