12 Feb 2012, 15:04
ގާނޫނާ ޚިލާފު އެއްވެސް އަމުރަކަށް ތަބާނުވެ ޤާނޫނީ އިމުގެ ތެރޭގައި ފުލުހުން މަސައްކަތް ކުރުމަށާއި އެގޮތަށް މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ތަކުރާރުކޮށް ފުލުހުން ހައްޔަރު ކުރުމަށްފަހު ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފުރަތު އުފައްދައި ގައުމުގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާ ދީނީ އެއްބައިވަންތަކަން ނަގާލާފައިވާ ކަމަށް ބުނެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ވަނިކޮށް ރައީސް ނަޝީދުގެ ސަރުކާރު ވެއްޓި، އާ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ވެވަޑައިގެންނެވި ޖަމީލު ވަނީ ފުލުހުންގެ މަރުކަޒު، އިސްކަނދަރުކޮށި (އައިކޭ)ގައި މިއަދު ފުލުހުންނާ ބައްދަލު ކުރައްވާފަ އެވެ.
އާ ފުލުސް ކޮމިޝަނަރު، ތިމަރަފުށީ އަބްދުﷲ ރިޔާޒާއި އާ ހޯމް މިނިސްޓަރު ފުވައްމުލަކު ޖަމީލާއި ދެ ބޭފުޅުން ފުލުހުންނާ ބައްދަލު ކުރެއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ޤާނޫނާއި ޚިލާފަށް ކުރާ އެއްވެސް އަމުރަކަށް ތަބާނުވެ ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރުމުގެ ހުރިހާ ފުރުސަތެއް ފުލުހުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރު ކުރައްވާ ކަމަށް ތަކުރާރުކޮށް ތުހުމަތުތައް ކުރެއްވެވި ޖަމީލު ވިދާޅުވީ ޤާނޫނީ އިމުގެ ބޭރުން އެއްވެސް އަމުރެއް ފުލުހުންގެ މައްޗަށް އޭނާ ނުކުރައްވާނެކަމުގެ ޔަޤީންކަން ފުލުހުންނަށް ދެއްވާ ކަމަށެވެ.
މިދިއަ އަންގާރަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ކުރިން ޖުމްހުރީ މައިދާނަށް އެއްވި ފުލުހުން އޭރުގެ ސަރުކާރަށް ގޮވާލާފައި ވަނީ ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރު ކުރުން ހުއްޓާލުމަށެވެ.
ކުރީގެ އިސް ގާޒީ، ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ވެށީގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ވިސްނައި އެ ގޮންޖެހުންތަކަށް ސާބިތުކަމާއެކު ތައްޔާރުވެ ތިބެ، ހުރިހާ ފުލުހުން ތެދުވެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް އިންސާފުވެރިކަމާއެކު އިންސާނީ ހައްޤުތަކަށް އިހުތިރާމް ކޮށްގެން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށެވެ.
ކުރީގެ ސަރުކާރުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ކަމުން ވަކި ކުރައްވާފައި ވަނިކޮށް އަލަށް ފުލުސް ކޮމިޝަނާ ކަމަށް ވަޑައިގެންނެވި ޢަބްދުﷲ ރިޔާޒް މިއަދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުން ހޯދައި ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި އަދި ފުލުހުންގެ މައްޗަށް ޤާނޫނާ ޚިލާފު އަމުރެއް އޭނާ ނުކުރައްވާނެ ކަމަށެވެ. ރިޔާޒު ވިދާޅުވީ މިދަނޑިވަޅުގައި ފުލުހުންނަށް ސިޔާސީ ބޮޑެތި ގޮންޖެހުންތައް ހުރިނަމަވެސް އެފަދަ ގޮންޖެހުންތަކަށް ތައްޔާރުވެ ރައްޔިތުންގެ ލޯތްބާއި އޯގާތެރިކަން ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިއަދު އައިކޭގައި ބޭއްވި ބައްދަލުވުމުގައި މާލޭގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވި އެވެ.