18 May 2021, 13:38
"ސިޔާސީ ބަޔަކު ހެދި ލިސްޓެއްގައި" ނަން އޮތުމަކީ ކުށްވެރިވުން ނޫން ކަމަށާއި، އެހެން ނަމަވެސް ދައުވާއެއް ކޮށްފިނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީއިން ތައްޔާރު ކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި މަހްލޫފްގެ ނަން ވަނީ ހިމެނިފަ އެވެ. އަދި އެ ލިސްޓުގައި ވާ ގޮތުން މަހުލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މީގެ ކުރިން އޭސީސީއިން އާންމުކުރި އެމްއެމްޕީއާރުސީ ތަހުގީގު ރިޕޯޓުގައިވެސް މަހުލޫފްގެ ނަން ހިމެނުނެވެ. އެއާއެކު އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރުވެސް ކޮށްފަ އެވެ. ނަމަވެސް ފަހުން އޭސީސީއިން ބުނެފައިވަނީ މަހްލޫފްގެ ކޮރަޕްޝަނެއް ނެތް ކަމަށެވެ.
ހިޔާނާތުގެ ފައިސާއިން ފައިދާވި މީހުންގެ ލިސްޓުގައި ނަން އޮތް ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން އަދިވެސް މަސްއޫލިއްޔަތު ތަކުން ދުރުނުކުރާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން މަހްލޫފް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލައިގައި މަގާމުން ސަސްޕެންޑު ކުރުމަށް ފަހު، އަލުން މަސްއޫލިއްޔަތު ހަވާލުކުރީ ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން ކަމަށެވެ.
"ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާ ސީދާ ގުޅުން ނެތް އެތައް ބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން އަދި އެކަމުގައި ބައިވެރި ވުމެއްވެސް ނޫން،" މަހްލޫފް މިއަދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓުގައި ވާގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ މަހުލޫފަށް ވަނީ ލިބިފަ އެވެ. އެނގިފައިވާ ގޮތުން އޭރުގެ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މަހުލޫފަށް އެއް މިލިއަން ރުފިޔާ ދީފައިވާ ކަމަށް ބުނެ އަދީބު ވަނީ ބަޔާން ދެއްވާފަ އެވެ.
އޭގެ އިތުރުންވެސް ރައީސް ޔާމީން ވިދާޅުވެގެން ދެލައްކަ ރުފިޔާ ދިންކަމަށް އަދީބު ވިދާޅުވެފައި ވާކަން ވަނީ އެނގިފަ އެވެ. އެފައިސާ ދިނީ މުހައްމަދު ހުސައިން (އޮއިއްޓޭ) ކަމަށް ބަޔާންތަކުން އެނގެ އެވެ.
ދެހާސް ސާދަވަނަ އަހަރުގެ ފެބުރުއަރީ 26 ވަނަ ދުވަހުވެސް މަހުލޫފަށް ދެލައްކަ ރުފިޔާ ދީފައިވާ ކަމަށް އޮއިއްޓޭ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ބަޔާން ދީފަ އެވެ. ހަމަ އެ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު މަހުލޫފަށް ފަސް ލައްކަ ރުފިޔާ ދިން ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެކުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއިން 33،000 ޑޮލަރު މަހުލޫފަށް ދިން ކަމަށް ބަޔާނުގައިވެ އެވެ. އެހެންނަމަވެސް އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތްތަކެއްގެ ތެރެއިން ދީފައިވާ ޑޮލަރު ކަމަށާއި އެއަށް ވާ ފައިސާ ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ނަން އޮތް ފަރާތްތަކުން ބުނަމުން އަންނަނީ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާކަމަށާއި، މައްސަލައާ ގުޅިގެން ސުވާލުވެސް ނުކުރާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި ކުށްވެރިން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވަނީ ވިދާޅުވެފަ އެވެ.