18 May 2021, 12:06
އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަންކުރި އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރި ޑރ. ހުސައިން ރަޝީދު ހަސަން އަށް ރުހުން ހޯދުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް ސޯލިހުގެ ކެބިނެޓަށް ބަދަލުގެންނެވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ. ޑރ، ހުސެން ހުންނެވީ އެންވަޔަރަމަންޓު މިނިސްޓަރު ކަމުގަ އެވެ.
މިއަދު ވަނީ އެ ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މިއަދު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ކެބިނެޓަށް ބަދަލު ގެންނެވީ ސަރުކާރުން ދެމުން އަންނަ ހިދުމަތް ރަނގަޅު ކުރުމަށާއި ސަރުކާރުގެ ވައުދުތައް ފުއްދުން އަވަސް ކުރުމުގެ ގޮތުންނެވެ. އެ ބަދަލުތައް ގެންނެވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މާލެ ހިމެނޭ ގޮތުން ބޮޑެތި ސަރަހައްދުތަކަކުން ނާކާމިޔާބާ ކުރިމަތިވެފައި ވަނިކޮށެވެ.
ރައީސް ވަނީ މި ސަރުކާރުގައި އަލަށް އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ (ޓެކް މިނިސްޓްރީ) އުވާލައްވައިފަ އެވެ. އަދި އެ މިނިސްޓްރީގެ މެންޑޭޓް ހަވާލުކުރީ މިނިސްޓަރު ޝައުނާ އަށެވެ. އެއާއެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ނަން، "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"އަށް ވަނީ ބަދަލުކޮށްފަ އެވެ.
ހަމައެއާއެކު ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. ރައީސް ވަނީ، އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތަކަށް ރުހުން ހޯދުމަށް ވެސް މަޖިލީހަށް ފޮނުވައިފަ އެވެ.
އެ މައްސަލަ ވެސް ދިރާސާކުރުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.