18 May 2021, 11:11
އައިޖީއެމްއެޗް ހޮސްޕިޓަލްގެ ވޯޑު އޭ، ނުވަތަ "ހިޔަލަ ވިންގް" ކޮވިޑް19 އަށް ފަރުވާ ދޭން ހާއްސަކޮށްފި އެވެ.
ރޭ ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ހިޔަލަ ވިންގް އިއްޔެ ކޮވިޑަށް ހާއްސަކޮށް، އޮޕަރޭޝަނަލައިޒް ކޮށްފައިވާ ކަމަށެވެ.
އެއީ ނުވަ އެނދުގެ ޖާގައިގެ ތަނެއް ކަމަށާއި، މިވަގުތު ހަތަރު އެނދު ފުރިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރު ވޯޑުތައް ވެސް ކޮވިޑަށް ހާއްސަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ، ފަރުވާ ދޭ އެނދު އިތުރުކުރަން ޖެހުމާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލް ވެސް ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 16،997 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 268 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ހަ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ފަސް މީހުން ތިބީ ވެންޓިލޭޓަރުގަ އެވެ.
ޑީއެޗް17ގެ ވޯޑުގައި އަށް މީހަކު އަދި ޑީއެޗް16 ގައި ދެމީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 191 މީހަކަށް ފަރުވާދެމުން އަންނަ އިރު 182 މީހުން ތިބީ ވޯޑުގަ އެވެ. އައިސީޔޫގައި ނުވަ މީހަކު ތިބި އިރު، ވެންޓިލޭޓަރުގައި ފަސް މީހަކު އެބަތިއްބެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުގައި 36 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅު ފެސިލިޓީތަކަށް ބަލާއިރު، އައްޑޫ ފެސިލިޓީގައި އެކަކު، ބ. އޭދަފުށީ ފެސިލިޓީގައި ފަސް މީހަކު، ށ. ފުނަދޫ ފެސިލިޓީގައި ނުވަ މީހަކު، އަދި ލ. ގަމު ފެސިލިޓީގައި ހަ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮވިޑް19 ގެ ކޭސްތަކާ ގުޅިގެން ރާއްޖޭގެ 57 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 172 މީހަކު އެބަތިއްބެވެ.