ކޮވިޑް19 އާއި ގުޅުން ހުރި ކަންތަކަށް ކުރި ހޭދަ މިދިޔަ ހަފްތާ 2.5 ޕަސެންޓު އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު ކޮވިޑާ ގުޅުން ހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް މިދިޔަ ހަފްތާގެ ނިތަލަށް 1.6 ބިލިއަން ރުފިޔާ ހޭދަވެފައި ވެއެވެ.

މިދިޔަ ހަފްތާ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗުންނެވެ. އެ ހޮސްޕިޓަލުން ކުރި ހޭދައިގެ ބޮޑު ބަޔަކީ ކޮވިޑާ ގުޅުންހުރި މެޑިކަލް ކޮންސިއުމަބްލްސް ހޯދުމަށާއި ބައްޔަށް ފަރުވާ ދިނުމުގެ ކަންތަކާ ގުޅިގެން ކޮށްފައިވާ ހޭދަ އެވެ. އެ ހޮސްޕިޓަލުން ކޮވިޑާ ގުޅުންހުރި ކަންތަކަށް ކުރި ހޭދަ 143.6 މިލިއަނަށް ވަނީ އަރައިފަ އެވެ.

ފިނޭންސް އިން ބުނީ އިކޮނޮމިކް ރެސްޕޮންސްގެ ދާއިރާ އިން އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު މިދިޔަ ހަފްތާގެ ހަރަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެ ދާއިރާ އިން 1.7 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާއިރު ކޮވިޑާ ގުޅުންހުރި ކަންތަކަށް ކުރި ޖުމްލަ ހޭދަ ވަނީ 3.3 ބިލިއަނަށް އަރައިފަ އެވެ.

ވަކިވަކި މުވައްސަސާތަކަށް ބަލާއިރު، ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރަށް ފަހު ދެން އެންމެ ބޮޑު ހޭދައެއް ކޮވިޑުގެ ހާލަތުގައި ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ މެދުވެރި ވެގެންނެވެ. ހެލްތުން 496.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އޭގެ ތެރޭ ދަތުރުފަތުރަށް 274 މިލިއަން ހޭދަކޮށްފަވެ އެވެ. މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 33.9 މިލިއަން އަދި ކެޕިޓަލް އިކުއިޕްމެންޓް ހޯދުމަށް 80.5 މިލިއަން ވަނީ ހޭދަކޮށްފަ އެވެ.

އެމްއެންޑީއެފް މެދުވެރިކޮށް 67.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެ މުވައްސަސާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 48.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ފުލުހުންގެ މުވައްސަސާ އިން 31.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު 27.4 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ މުވައްޒަފުންނަށްދޭ އެލަވެންސް އަށެވެ.

ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. މިއާ އެކު ކޮވިޑުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން ކުރާ ހޭދަ އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.