12 Feb 2012, 14:02
ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި ސިޔާސީ އަނދަވަޅުތަކުން އަރައިގަތުމަށްޓަކައި އެމްޑީޕީގެ ބައިވެރިވުން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ ކެބިނެޓަށް ހަތް ވަޒީރަކު އައްޔަން ކުރެއްވެވި ރަސްމިއްޔާތަށް ފަހު ރައީސް ވަހީދު ވިދާޅުވީ މި ސަރުކާރުގައި އެމްޑީޕީގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށް ސަރުކާރާ އެކު ތިއްބެވި ސިޔާސީ ޕާޓީތަކުން ވެސް އެކަން ބޭނުންވާ ކަމަށެވެ. ސަބަބަކީ އެންމެން އެކީގައި މަސައްކަތްކޮށްގެން ނޫނީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަން މިސަރުކާރު މި އުފެދެނީ ސުލްހަ މަސަލަސް ގާއިމްކޮށް، ގައުމުގެ އެކުވެރިކަން ބަދަހިކޮށް، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރުވައި ގައުމުގެ ސިޔާސީ މަސްރަހުގައި ފުން ވަޅުގަނޑުތަކުން ސަލާމަތްވެ، ގައުމުގެ ސިޔާސީ މަސްރަހު އޮމާންވެ، ގެނެވޭނެ މަސައްކަތެއް. ކުރިއަށް އޮތް ދުވަސްވަރުގައި އަޅުގަނޑު އުންމީދު ކުރަން މިއަދު އަޅުގަނޑުމެންނާ މިތަނުން ނުފެންނަ އެހެންނަމަވެސް ރާއްޖޭގެ ވަރަށް މުހިއްމު، އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ބައިވެރިވުން ލިބޭނެ ކަމަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ކެބިނެޓަށް އައްޔަން ކުރެއްވެވި ވަޒީރުންނަކީ، ވަހީދު ވިދާޅުވި ގޮތުގައި، ދިވެހި ގައުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެވިދާނެ ތައުލީމީ ގާބިލް ބޭފުޅުންނެވެ. އަދި ވިދާޅުވީ އެބޭފުޅުން ވަޒީރުކަމަށް އައްޔަން ކުރެއްވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އޯގާތެރި ހިތްހެޔޮ އެހީތެރިކަން ލިބިގެން ކަމަށެވެ. އަދި މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުންގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކެބިނެޓަށް އިތުރު ވަޒީރުން އައްޔަން ކުރައްވާނެ ކަމަށް ވިދާޅުވެ، ޑރ. ވަހީދު ވިދާޅުވީ ކެބިނެޓަށް ވަޒީރުން އައްޔަން ކުރެއްވުމަށް ކުރައްވާ މަސައްކަތަކީ މުޅި ގައުމުގެ އެއްބައިވަންތަ ތަނެއްގެ ގޮތުގައި ކުރިއެރުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ޑރ. ވަހީދުގެ ކެބިނެޓަށް މިއަދު ހަތް ބޭފުޅަކު އައްޔަން ކުރެއްވެވި އިރު ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ސަލާމަތީ ބާރުތަކުގެ ދެ ވަޒީރުން ހުވާ ކުރައްވައިފަ އެވެ. އެއީ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރެވެ.
މިއަދު ވަޒީރު ކަމުގެ ފަތްކޮޅު ހަވާލު ކުރެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ބަންޑާރަ ނައިބުކަން ކުރެއްވެވި އައިޝަތު އާޒިމާ ޝުކޫރެވެ. ހެތްލު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ސީސީއެޗްޑީސީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަދި އޭޑީކޭގެ ސީސީއޯގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ. އަހުމަދު ޖަމްޝީދެވެ. އިކޮނަމިކް ޑިވޮލޮޕްމަންޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ އެސްޓިއޯގެ ސީއީއޯގެ މަގާމް ވެސް ފުރުއްވެވި އަދި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަހުމަދު މުހައްމަދު (އައްޑޭ) އެވެ.
ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވެވީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރެވެ. އޭނާއަކީ ވިޔަފިވެރިންގެ ޖަމިއްޔާގެ ރައީސެވެ. ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ. އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. އާސިމް އަހުމަދެވެ. ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ޑރ. އަހުމަދު ޝަމްހީދު އެވެ.