ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" ލީކުވެއްޖެ އެވެ.

ރާދޭ ވަނީ މި އަހަރުގެ ފިތުރު ޢީދު ދުވަހު ރިލީޒްކޮށްފަ އެވެ. ފިލްމު ރިލީޒްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ތަމިލްރޮކާޒް އިން ވަނީ ފިލްމު ލީކުކޮށްލާފަ އެވެ. އަދި އެ ފިލްމު ލީކުކުރުމުން ސަލްމާން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އިންޒާރެއް ވެސް ދީފަ އެވެ. އެކްޓަރު ނެރުނު ބަޔާނެއްގައި ބުނީ ފިލްމު ލީކު ކުރުމަކީ ކުށެއް ކަމަށާއި ލީކު ކުރި މީހުންނަށް މިކަމުން މިންޖެއް ނުވެވޭނެ ކަމަށެވެ.

އަދި ސައިބާ ކްރައިމް ސެލް އަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ސަލްމާން ވަނީ ބުނެފަ އެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕާޓްނީ އަންހެން ލީޑު ރޯލު ކުޅޭ މި ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު"ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާ އެކު "ރާދޭ"ގައި ދެން ފެންނާނީ ރަންދީފް ހޫޖާ އާއި ޖެކީޝްރޯފް އަދި ގޯވިންދް އެވެ.